ހުޅުމާލެ މަގުމަތިން އެކްސިޑެންޓެއް ނޫން، ނަމޫނާ އަންހެން ފުލުހެއް

މިރޯދަމަހު މުޅިންވެސް އަޑުއިވެމުން މިއަންނަނީ ހުޅުމާލެ މަގުމަތީގެ އެކްސިޑެންޓް ތަކުގެ ވާހަކައެވެ. އެމަގުތަކުގެ ނުރައްކާތެރި ވާހަކައެވެ. ރަމަޟާން މަހުގެ 9 އަކަށް އެޅިއިރު ނުރައްކާތެރި އެތަށް އެކްސިޑެންޓެއް ހިނގައި އެތަށް މީހުންނަކަށް އަނިޔާވެ ބައެއް މީހުން މިދުނިޔެއާއި ވަކިވެގެންވެސްވަނީ ގޮސްފައެވެ. އަގުނުކުރެވޭ ވަރަށް މުދަލަށްވަނީ ގެއްލުން ވެފައެވެ.

އެހެންނަމަވެސް މިފަހަރު މިޖެހިލަނީ ހުޅުމާލެ މަގުމަތިން ފެނުނު އުފާވެރި މަންޒަރެއްގެ ވާހަކައަށެވެ. ދުވަސްވީ މީހެކެވެ. މަގުމައްޗަށް ނުކުމެ އެނބުރި ގެއަށްދާން ނޭނގި ހަދާނެ ގޮތް ހުސްވެފައިވާ ބޭބެއެކެވެ. ކުރިން ބުނެވުނު މިނުރައްކާތެރި މަގުމަތިން މިމުސްކުޅި ބޭބެގެ ނަޞީބަކަށްވީ ހުޅުމާލޭ ޕޮލިސްޓޭޝަނުގައި ޙަރަކާތްތެރިވާ އަންހެން ފުލުހެކެވެ. އެއީ ކާކުކަމެއް ނޭނގުނުނަމަވެސް އަންހެން ފުލުސް ކުއްޖާ ދުވަސްވީ އެބޭބެ، ގެއަށް ގެންގޮސްދިނީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެންނެވެ. މިބަރަކާތްތެރި ރަމަޟާންމަހު މުސްލިމަކު އަނެއް މުސްލިމަކަށް އެހީތެރިވެދިން ރިވެތި ނާމޫނާއާއެކު ހަމަ ގައިމުވެސް ހިތް އުފަލުން ފޮޅިއްޖެއެވެ.

އެ ފުލުސް އަންހެންކުއްޖާއަކީ ފުލުހުންގެ އިދާރާ ފަޚުރުވެރިވާފަދަ ފުލުހެކެވެ. އަހަރެމެން އާއްމު ރައްޔިތުންވެސް ފަޚުރުވެރިވާފަދަ ފުލުހެކެވެ.

މީގެ ކުރިންވެސް މިފަދަ އެތަށް ހާދިސާތަކުގައި ފުލުންވަނީ އާންމުނަށް އެހީތެރިވެފައެވެ. ދިވެހި ފުލުހުންގެ އިދާރާ އަބަދުވެސްއޮތީ އާންމުންގެ ޚިދުމަތުގައި އާންމުންގެ ސަލަމާތާއި ރައްކާތެރިކަމަށް އަތުކުރި އޮޅައިގެންކަން އެތަށް ފަހަރަކު ފުލުހުން އެވަނީ ސާބިތުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ