ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހުރި ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން އުވާލައި ކުޅިވަރު ކުޅޭ ތަންތަން އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.
ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެފައިވަނީ ކޮވިޑްއާއި ގުޅިގެން މާލެ ސަރަހައްދުގައި ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން އެޗްޕީއޭގެ ލަފާގެމަތިން އުވާލައި، މިއަދުން ފެށިގެން ކުޅިވަރު ކުޅޭތަންތަން ހުޅުވާލެވޭނެކަށެވެ. އަދި މިކަމާއި ގުޅިގެން އެކުލަވާލައިފާ އުޞޫލާއި އެއްގޮތަށް އަމަލު ކުރުމަށް މިނިސްޓަރ މަޙްލޫފް ވަނީ ދަންނަވާފައެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑް 19 އާ ގުޅިގެން ކުޅިވަރުގެ ޙަރަކާތްތައް މެދުކަނޑާލުމަށްފަހު، އާ ޢާންމު ޙާލަތުގެ މަރުޙަލާގައި، 1 ޖުލައި 2020 އިން ފެށިގެން ކުޅިވަރު ކުޅުމުގެ ހުއްދަ، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދެއްވާފައިވާކަމަށެވެ. އެހެން ކަމުން މިއަދުން ފެށިގެން ކުޅިވަރު ކުޅޭ ތަންތަން ހުޅުވިފައި ހުންނާނެ ކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެމިނިސްޓްރީން ވިދާޅުވެފައިވަނީ ކުޅިވަރު ކުޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވީނަމަވެސް، ކޯވިޑް 19 ގެ ޙާލަތަށް ބަލައި ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ.
ޔޫތް މިނިސްޓްރީން ވިދާޅުވެފައިވަނީ ކުޅިވަރު ކުޅެހެދުމުގައި ތިރީގައި ބަޔާންކުރެވިފައި ވާ ކަންކަމަށް ސަމާލުކަން ދޭން ވާނެކަމަށެވެ.
- އެކުޅިވަރެއް ކުޅޭ ތަނެއްގައި، އެއްފަހަރާ ކުޅެވޭނީ ގިނަވެގެން 30 މީހުންނަށެވެ.
- ކުޅޭއިރު މާސްކް ނޭޅުން
- ކޯވިޑް-19އިގެ ޢަލާމާތެއް (ކެއްސާ ކިނބިހި އެޅުން ހުންއައުން ފަދަ) ހުރިނަމަ ކުޅިވަރު ކުޅުމުގައި ބައިވެރި ނުވުން.
- ކުޅުންތެރިން ގެންނަ ދަބަސްފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުން.
- އެއް ކުޅުންތެރިޔަކު ބޭނުންކުރާ ބިބްސްފަދަ ތަކެތި އަނެއް ކުޅުންތެރިޔަކު ބޭނުން ނުކުރުން.
- ގެއިން ނިކުތުމުގެ ކުރިންނާއި ކުޅެ ނިމުމަށްފަހުގައި ސައިބޯނި ލައިގެން މަދުވެގެން 20 ސިކުންތު ވަންދެން ރަނގަޅަށް
އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން. - އެކި ތަންތަނުގައި އަތްލުމަށްފަހު، ނޭފަތާއި އަނގަޔާއި ލޮލުގައި އަތްނުލުން
- ކުޅެ ނިމުމުން ގެއަށް ގޮސް ފެންވެރުމާއި، ޖާޒީ ބަދަލުކުރުމާއި އެއެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުން
- އަމިއްލަ ފެން ފުޅި ބޭނުންކުރުން.
- ސާފުތާހިރުކަމަށް އިސްކަންދިނުމާއި، ކޮންމެ ކުޅުންތެރިއަކުވެސް ވަކިން ސެނިޓައިޒަރ ގެންގުޅުން.
- ކޯވިޑް-19 އާއި ގުޅިގެން އެޗް.ޕީ.އޭ.ގެ އެންގުންތަކާއި އާންމު ކުރަމުންގެންދާ އުސޫލުތަކާ އެއްގޮތަށް މަލުތައް ބެހެއްޓުން.



