ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާއަކަށްވި އަންހެން މީހާ ރޭޕް ނުކުރާ ކަމަށް ބުނެ ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހެދިކަމަށް ފުލުހުން ވިދާޅުވެއްޖެއްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ސަފާރީއެއްގެ ތެރޭގައި ޖިންސީ ގޯނާގެ ޝިކާއަކަށްވި އަންހެން މީހާ ޑޮކްޓަރައް ދެއްކުމަށް ދެކޮޅު ހެދިކަމަށާއި، ސަބަބަކީ، އޭނާއާ މެދު ކުރި އަމަލުން ޑޮކްޓަރަށް ދައްކައިގެން ފެންނާނެ އެއްޗެއް ނޯންނާނެތީކަމަށް އޭނާ ބުނެފައިވާކަަށެވެ.
އެގޮތުން މަންނާނު ވިދާޅުވީ، އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް ގެންދަން އުޅުމުން އެމީހާގެ ލިޔެކިއުންތައް އޮންނާނީ އޭނާ ދިރިއުޅޭ ތަނުގައި ކަމަށް ބުނުމުން އެއަންހެންމީހާ ދިރިއުޅޭ ތަަނަށް އޭނާ ގޮވައިގެން ފުލުހުން ދިޔަކަމަށާއި، އަދި ތަކުރާރުކޮށް އަނިޔާ ލިބުނު މީހާ އޭނާ ޑޮކްޓަރަށް ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނަމުން ދިޔަ ކަމަށެވެ.
ނަމަވެސް މައްސަލައިގެ ގޮތުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި އަންހެން މީހާ އަށް ވިސްނައި ދިނުމުން ޑޮކްޓަރަށް ދެއްކުމަށް އެއްބަސްވި ކަމަށް މަންނާނު ވިދާޅުވިއެވެ.
އެއާއެކު ތަޙުޤީޤަށް ފުރިހަމަކުރަންޖެހޭ ކަމަކަށްވާތީ އެއަންހެންމީހާ ޑޮކްޓަރަށް ދައްކާފައިވާނެކަމަށާއި، އަދި ޑޮކްޓަރަށް ދެއްކުމުގައި ހެއްކި ގެއްލޭހާ ވަގުތެއް ހިނގާފައި ނުވާނެ ކަމަށް ވެސް ހުޅުމާލޭ ޕޮލިސްގެ ހެޑް މުހައްމަދު ރަޝީދު މުހައްމަދު ވިދާޅުވި އެވެ.
މުޙައްމަދު ވިދާޅުވީ އެމައްސަލަ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ބަލަން ނިންމާފައިވާ ކަމަށާއި، އެއީ ހުޅުމާލެ ޖެޓީ ސަރަހައްދުގައި ހުރެގެން އެ މީހުންނާ އިތުރަށް ސުވާލު ކުރުމުގެ ތެރޭގައި އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް އޭނާ ބުނެފައިވާތީކަމަށެވެ.
މިމައްސަލައާ ގުޅިގެން ޗީފް އިންސްޕެކްޓާ މަރިޔަމް އަޒްމާ ވިދާޅުވީ، މިމައްސަލައާއި ގުޅިގެން އެ އަންހެން މީހާއާއި ސުވާލުކުރުމުން އޭނާ ރޭޕް ނުކުރާ ކަމަށާއި މީޑިއާތަކުގައި ފެތުރެނީ ދޮގު ވާހަކައެއް ކަމަށް ތަކުރާރުކޮށް އޭނާ ބުނެފައިވާކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ފަތިހު 5:00 ގައި ހުޅުމާލޭ ކައިރީ އޮތް ސަފާރީއެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައި ވަނީ ކެންޔާގެ އަންހެނެކެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ފުލުހުންނަށް ވަނީ ފާޑު ކިޔުމާއެކު ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ.
އެހެންނަމަވެސް ފުލުހުން ވިދާޅުވީ، މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށާއި، ވަރަށް އަވަހަށް މި މައްސަލަ ތަޙުޤީޤުކޮށް ނިންމައި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވާނެ ކަމަށެވެ.
ސަފާރީއަކަށްދިޔަ އަންހެނަކަށް ޖިންސީ ގޯނާކޮށްފިhttps://t.co/t2jihWkIcH
— Feshun (@feshunonline) June 26, 2020




