މިސީޒަންއަށްފަހު އެތުލެޓިކޯ ދޫކޮށްލާނެކަން ގްރިޒްމަން އިޢުލާންކޮށްފިއެވެ.
އަންނަ ހޮނިހިރު ދުވަހު ލެވެންޓޭއާއި ދެކޮޅަށް އެތުލެޓިކޯ ކުޅޭ މެޗަކީ ގްރިޒްމަން އެތުލެޓިކޯގެ ޖާޒީގައި ކުޅޭ ފަހުމެޗެވެ.
ފްރާންސްގެ ގައުމީ ޓީމަށް ކުޅެމުންއަންނަ ގްރިޒްމަން އެތުލެޓިކޯއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި މިދިޔަ ހޫނު މޫސުމުގައިވަނީ ސޮއިކޮށްފައެވެ. އެހެންކަމުން ގްރިޒްމަން ކްލަބުން ރިލީޒްކުރަމަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭނެއެވެ. އަދި ގްރިޒްމަން ގެންދަން ބޭނުންވާ ކްލަބެއް އެތުލެޓިކޯއަށް 104 މިލިއަން ޕައުންޑް ރިލީޒް ކްލޯޒްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
އެތުލެޓިކޯގެ ކޮންޓްރެކްޓް ގްރިޒްމަން މިދިޔައަހަރު އާކުރީ ބާސެލޯނާގެ ހުށައެޅުންތަކަށް ފުރަގަސް ދީފައެވެ. މިސީޒަނަށް ފަހު ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލުމަށް ނިންމިއިރު މިފަހަރުވެސް ގްރިޒްމަން ހޯދުމަށް އެންމެ ބޮޑަށް ލޯއަޅަމުން އަންނަ ކްލަބަކީ ބާސެލޯނާއެވެ. އެތުލެޓިކޯއަށްފަހު ދެން ގުޅޭނީ ކޮން ޓީމަކާއިކަމެއް ގްރިޒްމަން އަދި ހާމައެއް ނުކުރެއެވެ.
.@AntoGriezmann: "Han sido cinco años increíbles; muchas gracias por todo, os llevo en el corazón". pic.twitter.com/9XorY05u1T
— Atlético de Madrid (@Atleti) May 14, 2019
ގްރިޒްމަން އެތުލެޓިކޯ ދޫކޮށްލާނެކަން އިޢުލާންކުރީ ޓްވީޓްއަކުންނެވެ. މިޓްވީޓްގައިވާ ވީޑިއޯގައި މިދިޔަ ފަސްއަހަރަކީ ވަރަށްވެސް އުފާވެރި ފަސްއަހަރުކަމަށާއި އޭނާއަށް އެހީތެރިވި ހުރިހާ އެންމެންނަށްވެސް ޝުކުރު އަދާކުރާކަމަށް ގްރިޒްމަން ބުނެފައިވެއެވެ. އަދި އެތުލެޓިކޯ އަބަދުވެސް ހިތުގައި އޮންނާނެކަމަށްވަނީ ބުނެފައެވެ.
ރެއަލްސޮސިޑޭޑް ދޫކޮށް އެތުލެޓިކޯއަށް ގްރިޒްމަންއައީ 2014 ވަނައަހަރުގެ ޖުލައިމަހުއެވެ. ލަލީގާގައި އެތުލެޓިކޯއަށް ކުޅެދިން 179 މެޗުން 94 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު 48 މެޗުން 21 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
ގްރިޒްމަން އެތުޓިކޯއާއެކު 1 ސްޕެނިޝް ސުޕަކަޕް، 1 ޔޫއެފާ ސުޕަކަޕް އަދި 1 ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވެއެވެ.