ޤާޟީ ޙަސަން ނަޖީބް - ފޮޓޯ: ޕީއެސްއެމް ނިއުސް

ޤާޟީ ޙަސަން ނަޖީބް ފަނޑިޔާރު ކަމުން ވަކިކުރަން ހުށައެޅުމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ ޙަސަން ނަޖީބް ފަނޑިޔާރު ކަމުގެ މަޤާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ފެންނަކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިގޮތަށް ނިންމާފައި މިވަނީ އިއްޔެ ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 46 ވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި އެ ކޮމިޝަންގެ 8 މެންބަރުން ވަނީ ބައިވެރިވެލައްވާފައެވެ.

ޖޭއެސްސީ އިން ޤާޟީ ޙަސަން ނަޖީބް ވަކިކުރަން ހުށައެޅުމަށް ނިންމާފައި މިވަނީ ޤާޟީ ޙަސަން ނަޖީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން، 2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލްގެ ގއ. ވިލިނގިލީ ދާއިރާއަށް
ކުރިމަތިލި ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ޤާޟީ ޙަސަން ނަޖީބު މަސައްކަތްކޮށްފައިވާތީއާއި އަދި ކެނޑިޑޭޓް ނިސްބަތްވާ ސިޔާސީ ޕާޓީއަށް މީހަކު ސޮއިރުކުރުވުމުގައި ޤާޟީ ޙަސަން ނަޖީބު ބައިވެރިވެފައިވާތީއެވެ.

އެ އިންތިޚާބުގައި އެ ދާއިރާއަށް ކުރިމަތިލި އަނެއް ކެނޑިޑޭޓްގެ ކެނޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން ނަޖީބު މަސައްކަތްކުރިކަމަށާއި، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެގޮތުން ބައްދަލުވުމެއް ބާއްވައި ޤާޟީ ޙަސަން ނަޖީބު ވާހަކަ ދައްކާފައިވާކަމަށްވެސް ޖޭއެސްސީ އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓްގައި ތަޙްޤީޤީ އެއްވެސް އިދާރާއަކުން އެދިފައި ނުވަނީސް، ޖިނާއީ ޢަދުލުގެ ނިޒާމުގައި
އެކަށައެޅިފައިވާ ޤާނޫނީ އަސާސްތަކާ ކަނޑައެޅިގެން ޚިލާފަށް، ދެ މީހަކު ހައްޔަރުކުރުމަށް ޤާޟީ ޙަސަން ނަޖީބު އަމިއްލައަށް ކޯޓު އަމުރު ނެރެފައިވާކަން ސާބިތުވާކަމުގައިވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީއ އިން ވިދާޅުވެފައިވަނީ ޤާޟީ ޙަސަން ނަޖީބުގެ މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާ އާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާއި 10 ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 4.9 ، 7.1 އަދި 7.2 ވަނަ ނަންބަރާ ކަނޑައެޅިގެން ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށެވެ.

އެހެން ކަމުން ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޤާޟީ ޙަސަން ނަޖީބު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ