މޯލްޑިވިއަންގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ޗެކިން ވުމުގެ ހިދުމަތްދޭން ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން އެ އެއާލައިންގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ޗެކިންވުމުގެ ހިދުމަތްދޭން ފަށައިފިއެވެ.

މޯލްޑިވިއަންއިން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ، ވަގުތު ސަލާމަތްކޮށް އެއާޕޯޓުގައި ހުންނަ ޗެކިން ކައުންޓަރުދަށުގައި ކިއުގައި ނުޖެހި ހިދުމަތް ލިބޭނެގޮތަށް މިއަދުންފެށިގެން އޮންލައިން ޗެކިންގެ ހިދުމަތް އެކުންފުނިން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.

މިގޮތުން، އޮންލައިން ޗެކިންގެ ހިދުމަތް ހޯދަން އެދޭ ކަސްޓަމަރުން އެ ކުންފުނީގެ ވެބްސައިޓުގައިވާ ހާއްސަ ޕޭޖަކަށް ވަޑައިގެން ބުކިން ރެފަރެންސާއި އަދި އެ ކަސްޓަމަރުގެ މައުލޫމާތު ހިއްސާ ކުރުމަށް އެކުންފުނިން އެދިލައްވައެވެ.

މޯލްޑިވިއަންއިން ބުނީ ޑޮމެސްޓިކް ދަތުރުތަކަށް ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ 12 ގަޑިއިރު ކުރިން އޮންލައިންކޮށް ޗެކިން ވެވޭނެކަމަށާއި އަދި އިންޓަރނޭޝަނަލް ފްލައިޓްތަކަށް، ފްލައިޓު ގަޑީގެ 48 ގަޑިއިރު ކުރިން އޮންލައިންކޮށް ޗެކިން ވެވޭނެކަމަށެވެ. އަދި އޮންލައިންކޮށް ޗެކިންވުމުގެ ޙިދުމަތް ލިބޭނީ ފްލައިޓް ފުރުމަށް 4 ގަޑިއިރަށްވުމާއި ހަމައަށް ކަމަށެވެ.

މޯލްޑިވިއަންއިން އިތުރަށް ބުނެފައިވަނީ އޮންލައިންކޮށް ޗެކިންވާ ފަރާތްތަކުން ފްލައިޓު ފުރާ ގަޑީގެ އެއްގަޑިއިރު ކުރިން ލަގޭޖްތައް ޑޮމެސްޓިކް ޑިޕާރޗަރ ޓަރމިނަލްގެ ކައުންޓަރ އަށް ހަވާލުކުރަން ޖެހޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ