"ހަމަނުޖެހުންތައް ކަވަރުކުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ދީފައިނުވޭ"

ބޮޑުފިނޮޅުގައި ހިނދާދިޔަ ހަމަނުޖެހުންތައް ކަވަރުކުރުމަށް ފުރުޞަތު ދިނުމުގައި މީޑިއާތަކަށް ހަމަހަމަ އުޞޫލެއް ގެންގުޅެފައި ނުވާކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ދިނުމަށް ގޮވާލައި މީޑިއާ ކައުންސިލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއްކަމަށާއި، މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ އެ ކައުންސިލުން އަބަދުވެސް ބަލަމުން ދާކަމަށެވެ.

އެގޮތުން، ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން އެ ކައުންސިލުން ހިތާމައާ އެކު ފާހަގަކޮށްފައިވާއިރު، މީގެ އިތުރުން ވެސް ފަހަކަށް އައިސް، ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

މީޑިއާ ކައުންސިލުން ވަނީ ރައްޔިތުންނަށް އެންމެ ޞައްޙަ މައުލޫމާތު ލިބިދިނުމަށް ޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތު ދިނުމަށް އެ ކައުންސިލުން ދިވެހިން ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސް ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ