އިންގްލޭންޑްގެ މެންޗެސްޓާރ ސިޓީއަށް ކުޅެމުންއައި ޖަރުމަނުގެ ވިންގަރ ލެރޯއީ ސާނޭ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސާނޭ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ސާނޭ ބަޔާންއަށް ބަދަލުވެފައިވަނީ 44 މިލިއަން ޕައުންޑަށެވެ. ވޭތުވެދިޔަ ހަތަރު ސީޒަންގައި މެންޗެސްޓާރ ސިޓީގައި ސާނޭ ހޭދަކޮށްފައިވާއިރު، އޭނާވަނީ ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރު ސިޓީއިން ތިން ތަށި ހޯދާފައިވަނީ ސާނޭގެ ޙިއްސާއާއެކުގައެވެ.
2016 ވަނަ އަހަރު ޝާލްކޭ ދޫކޮށް ސާނޭ މެންޗެސްޓާރ ސިޓީއާއި ގުޅުނީ 37 މިލިއަން ޕައުންޑަށެވެ. އެއަށްފަހު އޭނާވަނީ ސިޓީއާއެކު ދެ ޕްރިމިއާ ލީގާއި އެއް އެފްއޭކަޕްގެ އިތުރުން ދެ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ސާނޭ މިސީޒަންގައި ސިޓީއަށް ކުޅެދީފައިވަނީ ޕްރިމިއާ ލީގު އެންމެ މެޗެކެވެ.
♦️ Win a signed @LeroySane19 shirt! ♦️
ℹ️? https://t.co/hp1EVce3aV#ServusLeroy #FCBayern #MiaSanMia
— FC Bayern English (@FCBayernEN) July 3, 2020
މެންޗެސްޓާރ ސިޓީއަށް ކުޅެދިން 135 މެޗުން 39 ލަނޑު ޖަހައި 45 އެސިސްޓް ސާނޭ ހަދާފައިވެއެވެ.
ޖަރުމަނުގެ ޤައުމީ ޓީމަށް 21 މެޗު ކުޅެދީފައިވާ ސާނޭ ބަޔާންއާއި ގުޅުނުނަމަވެސް، މިސީޒަންގައި އޭނާއަށް ބަޔާންއާއެކު ޗެމްޕިއަންސް ލީގު ނުކުޅެވޭނެއެވެ. އެއީ އޭނާ މިސީޒަންގައި ސިޓީއަށް ޗެމްޕިއަންސް ލީގުގައި ކުޅެފައިވާތީއެވެ.
ސާނޭ މިއަންނަ ހަފްތާއިން ފެށިގެން ބަޔާންގެ ފަރިތަކުރުންތަކުގައި ބައިވެރިވާންފަށާނެއެވެ.
ބަޔާންއާއި ގުޅުމަށްފަހު ސާނޭ ބުނީ ބަޔާންއަކީ މޮޅު ކްލަބެއްކަމަށާއި، ބަޔާންއާއެކު ވީހާވެސް ގިނަ ކާމިޔާބީއެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެގޮތުން އެންމެ އިސްކަމެއްދެނީ ޗެމްޕިއަންސް ލީގަށްކަމަށްވެސް އޭނާ ބުންޏެވެ.
ބަޔާންގެ ޗީފް އެކްޒެކިއުޓިވް ކާލް ހެއިންޒް ބުނިގޮތުގައި ބަޔާންގެ އަމާޒަކީ ޖަރުމަނަށް ނިސްބަތްވާ މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެކްލަބަށް ގެނައުމެވެ.




