ގޭންގް ރޭޕް އާއި ގުޅިގެން ފުލުހުންވަނީ ނުފޫޒުގައިޖެހި ވާޖިބުން އެއްކިބާވެފައި ކަމަށް ރާއްޖޭގެ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ލީޑަރޝިޕްއަށް އިތުބާރުކުރި މަދުބައެއްގެ އިތުބާރުވެސް ގެއްލިއްޖެ ކަމަށާއި، ގޭންގް ރޭޕް އާއި ގުޅިގެން ފުލުހުން ވަނީ ނުފޫޒުގައިޖެހި ވާޖިބުން އެއްކިބާވެފައި ކަމަށެވެ.
"ގޭންގެ ރޭޕް އާއި ގުޅިގެން ފުލުހުން ވަނީ ނުފޫޒުގައިޖެހި ވާޖިބުން އެއްކިބާވެފައިކަން ހާމަވެއްޖެ. ތުހުމަތު ކުރެވުނު މީހުންގެ ޔޫރިންގވެސް ނުނަގާ މަސްތުނުވާ ކަމަށް ނިންމީ ކޮން ގާނޫނާއި ހަމައަކުންތޯ؟" ޑރ.ޖަމީލުގެ ޓްވީޓްގައި ބުނެފައި ވެއެވެ.
ޑރ. ޖަމީލް މިމޭރަމުން ވިދާޅުވެފައި މިވަނީ، ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވުނު ދިވެހި ދެ ފިރިހެނުން ބަނގުރަލަށް ޓެސްޓް ނުކުރާ ކަމަށާއި ނަމަވެސް މުޅި މައްސަލައިގެ ތަހުގީގުގައި އިހުމާލެއް އަދި ސިޔާސީ ނުފޫޒެއް ވެސް ނެތި އަމަލުކުރަމުން އަންނަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ބުނެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ފުލުހުން ވިދާޅުވުމާއި ގުޅިގެންނެވެ.
އުމުރުން 39 އަހަރުގެ ދެ މީހުން ބަނގުރަލަށް ޓެސްޓު ނުކުރާ ކަމަށް ފުލުހުން މި ހާމަކުރީ އެތައް ބަޔަކު މި ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މައްސަލަ އެކަށީގެންވާ ގޮތެއްގައި ބަލަން ފުލުހުން އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތަކުގެ ތެރޭގައި ސަފާރީ އަށް ޕާޓީކުރަން ދިޔަ މީހުން ބަނގުރަލަށް ޓެސްޓު ނުކުރުން ހިމަނައި ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ޑރ. ޖަމީލު އިތުރަށް ވިދާޅުވީ، މިއީ ދާއިމަށް ފުލުހުންގެ މުއްސަސާގައި ޖެހުނު އިތުރު ލައްގަނޑެއް ކަމަށާއި، ގައިރު ގާނޫނީ އަމުރަށް ތަބާވާ ފުލުހުންވެސް އިންސާފުގެ ކުރިމައްޗައް ހާޒިރު ކުރެވުމުން ނޫނީ ގާނޫންގެ ހުކުމް މިގައުމުގައި ދުވަހަކުވެސް ނުހިގާނެ ކަމަށެވެ. އަދި ފުލުހުންގެ ލީޑާރސިޕް އެކްޓިވިސްޓުންގެ ދަރަޖައަށް ވެއްޓިގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.



