ބ. އަތޮޅުގައި ހަދަމުންދާ ބޮޑުފިނޮޅު ރިސޯޓެއްގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ 19 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ބޮޑުފިނޮޅުން އިއްޔެ ހައްޔަރުކުރި 19 މީހުންގެ ބަންދާ މެދުގެ ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފައާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް މިއަދު ދީފައިވާ ކަމަށެވެ.
ބޮޑުފިނޮޅުގައި ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސްވެފައިވާތީ އެވެ.
ދިވެހިން ރަހީނު ކުރުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ވަނީ އެރަަށަށް އަރަން މަސައްކަތްކޮށްފައެވެ. އެހެން ނަމަވެސް އެރަށުގައި ތިބި ބިދޭސީން ފުލުހުންގެ ގަޔަށް އެއްޗެހި އުކާ ކަންތައް ވަނީ ކޮށްފައެވެ. އެ ހާދިސާގައި ދެ ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ވިއެވެ.
ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންނާއި އެމްއެންޑީއެފްގެ އަަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެރަށަށް ގޮސް އެ ދިވެހިން ވަނީ ސަލާމަތްކޮށްފައެވެ.



