ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ ޝަރީއަތް މިއަންނަ ބުދަ ދުވަހު ބާއްވަން ހައި ކޯޓުން ތާވަލު ކޮށްފި އެވެ.
މަނީ ލައުންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްތަކުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފއިވާތީ މީގެ ކުރިންވެސް އެކޯޓުގައިވަނީ އިސްތިއުނާފީ ޝަރީއަތުގެ އަޑުއެހުންތައް ބާއްވައިފައެވެ.
ބުދަ ދުވަހު ބާއްވާ ޝަރީއަތަކީ މި މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް ބާއްވައި އަޑުއެހުމެވެ. ހުލާސާ ބަޔާން އިއްވާ ޝާރީއަތުގެ އަޑުއެހުމަށްފަހު ދެން އޮންނަ ޝަރާއަތުގެ މަޖިލީހުގައި މި މައްސަލައިގެ ހުކުމް އިއްވާނެ އެވެ.
މި މައްސަލާގެ އަޑުއެހުމެއް މިދިޔަ މާޗް މަހު ވެސް ބޭއްވާފައިވާއިރު އޭގެ ފަހުން އަޑުއެހުމެއް ތާވަލު ކުރުމަށްފަހުވެސް ކޮވިޑް-19ގެ ލޮކްޑައުން އާއި ގުޅިގެން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ބުދަ ދުވަހު ބާއްވާ އަޑުއެހުމަކީ އާންމު އުސޫލުން ކޯޓަށް ހާޒިރުކޮށްގެން ބާއްވާ އަޑު އެހުމެކެވެ. މިއަދު ސަރުކާރު އޮފީސް ތައް ހުޅުވާލުމާއިއެކު ކޯޓުގައި އާންމު އުސޫލުން ޝަރީއަތްތައް ބާއްވަން ފެށީ މިއަދު އެވެ.
ރައީސް ޔާމީންގެ މައްޗަށް އިތުރު މަނީ ލޯންޑްރިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް އުފުލައި ވަނީ ކުރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަދި ފަށާފައި ނުވެއެވެ.