މޫސުން ގޯސްވެ މާލެ އިން ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިރޭ އިރާކޮޅު 19:45 އިން ފެށިގެން 23:00 އާއި ހަމައަށް ވ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ. ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށާއި، ރާޅުގެ އުސްމިން ދެކުނުގެ އަތޮޅުތަކަށް 5-7 ފޫޓު އަދި އުތުރާއި މެދުރާއްޖެތެރެއަށް 3-5 ފޫޓު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.




