ވިލަރެއާލް ބަލިކޮށް ބާސެލޯނާއިން އުންމީދު ދަމަހައްޓައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ވިލަރެއާލް ބަލިކޮށް ބާސެލޯނާއިން ތައްޓަށް ކުރަމުންދާ އުންމީދު ގެއްލުނަ ނުދީ ދަމަހައްޓައިފިއެވެ.

  • ރޭ ގްރިޒްމަން ކާމިޔާބުކޮށްދިން ލަނޑަކީ އޭނާ ލަލީގާގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިން 9 ވަނަ ލަނޑު.
  • މިސީޒަންގެ ސްޕެނިޝް ލަލީގާގެ ތަށި ބާސެލޯނާއަށް ލިބެން އޮތީ ވާދަވެރި ރެއަލްމެޑްރިޑް އަތުން މަދުވެގެން 5 ޕޮއިންޓް ގެއްލިގެން.
  • ލަލީގާ ތަށި ދިފާޢުކުރަން ކާމިޔާބުކުރަން ބާސެލޯނާއަށް ބާކީ އޮތް ހުރިހާ މެޗަކުން މޮޅުވާން މަޖުބޫރު.
  • މެސީވަނީ މިސީޒަންގެ ލަލީގާގައި ކުޅުނު 29 މެޗުން 22 ލަނޑު ޖަހައި 20 އެސިސްޓް ހަދާފައި.
  • ކޮވިޑް-19 އަށް ފަހު މިހާތަނަށް ކުޅުނު7 މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވެފައިވަނީ 4 މެޗުން. އަނެއް 3 ވަނީ އެއްވަރު ވެފައި.

އެލްމެޑްރިގާލް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާއިން ކޮންޓްރޯލް ކުރަމުންދިޔަ މިމެޗުގެ ފުރަތަމަ ލަނޑަކީ ޖޯޑިއަލްބާ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ވިލަރެއާލްގެ ޑިފެންޑަރު ޕައު ޓޮރޭސްގެ ފައިގައިޖެހި ބައިކޮޅަށް ވަތް ލަނޑެކެވެ. މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 3 ވަނަ މިނަޓްގައެވެ.

ބާސެލޯނާ ހައިރާންކޮށްލުމަށްފަހު ވިލަރެއާލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 14 ވަނަ މިނަޓްގައެވެ. ގޯލްގެ އަރިމަތިން ވިލަރެއާލްގެ ސެންޓި ކަޒޯލާ ފޮނުވާލި ހޫނު ހަމަލާ ބާސެލޯނާގެ ކީޕަރު ސްޓެގެން ދިފާޢުކުރިނަމަވެސް ގޯލްގެ ކުރިމައްޗަށް ނުކުތް މިބޯޅަ ކުރިމަތީ އޮތް ހުސް ގޯލްގެ ތެރެއަށް ފޮނުވާލާފައިވަނީ ޖެރާޑް މޮރޭނޯއެވެ.

އޭގެ ހަމިނަޓްފަހުން ބާސެލޯނާއިން އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މެޗުގެ 20 ވަނަ މިނަޓްގައި ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ހިތްގައިމު މިލަނޑަކީ މެސީގެ ޕާހަކުން ޕެނަލްޓީ އޭރިއާ ބޭރުން ރޮނގުމަތީކަހަލަ ގޮތަކަށް ހުރެ ފޮނުވާލި ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ސުއަރޭޒްގެ މިހަމަލާ ގޯލްގެ ދުރުކަނަށް ވަދެގެންދިޔައީ ކާވްވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނަޓްގައި ބާސެލޯނާއިން އަނެއްކާވެސް އިތުރު ލަނޑެއްޖަހައި ލީޑު އިތުރަށް ފުޅާކުރިއެވެ. 45 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޕެނަލްޓީ އޭރިއާ ރޮނގުމަތިން އެންޓޮއިން ގްރިޒްމަން ޗިޕަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒުވާން އަންސޫ ފާޓީއެވެ.

މިމޮޅާއެކު ބާސެލޯނާވަނީ ތާވަލްގެ އެއްވަނާގައި އޮތް ރެއަލްމެޑްރިޑާއި 4 ޕޮއިންޓް ގާތަށް ޖެހިލާފައެވެ. ބާސެލޯނާއިން މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން ބޭނުން ބޭނުންނަމަ ބާކީ އޮތް ހަތަރު މެޗުން ކޮންމެހެންވެސް މޮޅުވާ ޖެހެއެވެ. އަދި ބާސެލޯނާއަށް ތަށި ލިބެން އޮންނަނީ ވާދަވެރި ރެއަލްމެޑްރިޑު އަތުން މަދުވެގެން5 ޕޮއިންޓް ގެއްލިގެންނެވެ. ރެއަލްމެޑްރިޑަށްވެސް ބާކީ ހަތަރު މެޗު އޮތްއިރު، އެތަނުން ތިން މެޗުން މޮޅުވެގެން 2019/20 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ރެއަލްމެޑްރިޑަށް ކާމިޔާބުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ