ޔޫނުސް އަށް އެއީ މުޅިންވެސް އައު ކަންތައްތަކެވެ. އޭނާ ހުރީ ފެންނަ ކަންތައްތައް ގަބޫލުކުރަންވެސް ދަތިވެފައެވެ. ހީވީ ހުވަފެނެއްގައި އުޅެވޭހެންނެވެ. ދުވަހަކު މައިންބަފައިންގެ ލޯބި ލިބިފައި ނުވާ ކުއްޖަކަށް ކިތަންމެ ކުޑަ އަޅާލުމަކުންވެސް ފުދޭނެއެވެ. ނަމަވެސް ޔޫނުސްއަށް އެ ނިޢުމަތް ލިބުނީ އެންމެ ފުރިހަމަ ގޮތުގައެވެ.
ދުވަސްތައް އާދައިގެ މަތިން ކުރިއަށް ދިޔައެވެ. އުފަލާއި ހިތްހަމަޖެހުމުގައެވެ. ބޯމަތިވަމުން އައި ކަޅު ވިލާގަނޑުގެ ހިލަމެއް އޭރު އެކަކަށްވެސް ނުވެއެވެ.
ދެ އަހަރު ހޭދަވެގެން ދިޔަ އިރު ޔޫނުސް ހުރީ އެ ދުނިޔެއަށް ހޭނިފައެވެ. ކުރިން އޭނާއަށް އުނިވި ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން ދިޔައީ އެންމެ ފުރިހަމައަށް ލިބެމުންނެވެ. ރަނގަޅު ކާނާ ލިބެން ފެށުމާއެކު އޭނާގެ ރޫފަ ރަނގަޅުވިއެވެ. އަދި މެދުކެނޑުމެއްނެތި ލޯތްބާއި އަޅާލުން ލިބޭތީ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
ޔޫނުސްއަށް އެގާރަ އަހަރު ފުރިގެން ގޭ ޓެރެސްގައި ކުޑަ ސަޔެއް ބޭއްވި ދުވަހެކެވެ. ޔޫނުސްގެ ކްލާސް ކުދިންނާއި ބައެއް ޓީޗަރުންގެ އިތުރުން މަންމައާއި ބައްޕަގެ ޢާއިލާ މީހުންނާއި ބައެއް ރައްޓެހިން އެ ހަފްލާގައި ބައިވެރިވިއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. މާޙައުލުގައި އެއް އަޑަކަށް އެކުލެވިފައި ހުރީ ހުނުމުގެ އަޑެވެ. ޔޫނުސްވެސް އެތާ ތިބި ރައްޓެހި ކުދިންގެ ތެރެއިން ފަހަރަކު ގްރޫޕަކާ ބައްދަލުކުރަމުން އެކި ވާހަކަ ދައްކަމުން ދިޔައެވެ. އެހެން ތިއްބާ ފެނުނީ ކުއްލިއަކަށް މަންމަ އަރި އަޅާލައިގެން ވެއްޓުނު ތަނެވެ. އޭރު މަންމަ ހުރީ ޢާއިލާ ބަޔަކާ އެކު އޮލަ ވާހަކައެއްގައެވެ. އެވަގުތު މުޅި މާޙައުލުގެ ކުލަވަރުވެސް ކުއްލިއަކަށް ބަދަލުވެގެން ދިޔައެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފިލާ ހާސްކަން ފެންނަން ފެށިއެވެ. ވަގުތުން މަންމަ ހޮސްޕިޓަލަށް ގެންދެވުނެވެ. ޔޫނުސްވެސް މަންމައާއެކު ދާން ބޭނުންވިއެވެ. ނަމަވެސް ބައްޕަ އެދުނީ ޔޫނުސް ގޭގައި މަޑުކުރުމަށެވެ. މަންމަ ހޮސްޕިޓަލަށް ގެންދެވުނީއްސުރެ ޔޫނުސްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އިށީނދެ އިންނަން އުނދަގޫވެގެން އޭނާއަށް ގިނަ ފަހަރު ހުރެވުނީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އެހެން ހުއްޓާ ރޭގަނޑު ބާރަވެސް ޖެހިއެވެ. ނަމަވެސް އެކަކުގެވެސް ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ގޭގައި ކައްކަން އުޅޭ ދައްތަގެ އެދުމުގެ މަތިން ޔޫނުސް ނިދަން އޮށޯތެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ މަންމައަށް ވީގޮތެއް އެނގިގެންނެވެ. އެހެންކަމުން ނިދި ނައިސްގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ. ދެން ހޭލެވުނީ މީހަކު ގޮވާ އަޑަށެވެ. ބަލާލިއިރު ކައިރީގައި އިނީ ބައްޕައެވެ. އޭރު އެ ލޮލުގައި ވަނީ ހިތާމަޔާއި މާޔޫސްކަމެވެ.
"މަންމަ ކޮބާ؟" ހަމަ ލޯ ހުޅުވައިލެވުމާއެކު ޔޫނުސް ބޭނުންވީ މަންމަގެ ޙާލު ބަލާށެވެ.
"މަންމަ އަހަރެމެންނާ ވަކިވެގެން ގޮސްފި." ވަރަށް ހިތްވަރުން ބުނާފަދަ ގޮތަކަށް ބައްޕަ ޖަވާބު ދިނެވެ. އޭރު ބައްޕަގެ ލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ.
"އެއީ ކިހިނެއްވީ؟" ޔޫނުސަށް ލިބުނީ ކުއްލި ސިހުމެކެވެ. އޮށޯވެ އޮވެފައި ކުއްލިއަކަށް ތެދުވެވުނެވެ. އެކަން ވީ އޭނާއަށް ޤަބޫލުކުރަން ދަތި ކަމަކަށެވެ. އެހެން ހަމަ ރީއްޗަށް ހުރެފައި މީހަކު މަރުވެދާނެ ހެއްޔެވެ؟ މަންމަ އުޅުނީ ނުލާހިކު މަޖާކޮށް ހީހީފައެވެ.
"ޑޮކްޓަރު ބުނީ މަންމައަށް ހާރޓް އެޓޭކެއް ޖެހުނީއްޔޭ." ބައްޕަ އިތުރަށް އޮޅުން ފިލުވައިދިނެވެ.
"ބައްޕަ މިއައީ ޔޫނުސް ބަލާ. ފަހު ފަހަރަށް މަންމަގެ މޫނު ދެކިލަން ދާން ހިނގާ." ޔޫނުސްގެ ބުރަކަށީގައި ފިރުމާލަމުން ވޭނުން ފުރިފައިވާ އަޑަކުން ބައްޕަ ބުންޏެވެ.
ސަހަރާއަށް ދިޔައިރު އެތައް ބަޔަކު އެތަނަށް އެއްވެފައި އޮތެވެ. ޔޫނުސް އެގޭގައި ހޭދަކުރި މަދު ދުވަސްކޮޅުގައި މަންމަގެ ގޮތް ވަނީ ވަރަށް ކައިރިން ފެނިފައެވެ. އެއީ ޢާއިލާއަށާއި ރައްޓެހިންނަށް ހެޔޮ މީހެކެވެ. ޙާލުގައި ޖެހިގެން މީހަކު މަންމަ ކައިރިއަށް އަތުވެއްޖެނަމަ މާޔޫސްވެގެން ދާކަށް ނުޖެހެއެވެ. ސިއްރުން އެތައް ބަޔަކަށް ޞަދަޤާތް ކުރެއެވެ. އެންމެންނާވެސް ބައްދަލުކުރަނީ ހިނިތުންވުމަކާއެކުގައެވެ. އެހެންކަމުން މަންމައަކީ އެންމެންގެ ޤަދަރާއި ލޯބި ލިބިފައިވާ މީހެކެވެ. އެދެމަފިރިންގެ ތެރެއިން ޔޫނުސްވެސް ބޮޑަށް ލޯބިވަނީ މަންމަ ދެކެއެވެ. އެއީ ޔޫނުސްއަށް އެންމެ ބޮޑަށް އަޅާލަނީ މަންމައެވެ. އެގެއަށް އައި ފަހުން ޔޫނުސް ދުވަހަކު ކަމަކާ ދެރަވެގެން އުޅޭކަށް ނުޖެހެއެވެ. ކަމަކަށް ބޭނުންވެފައި އެކަމެއް ނުފުދިފައި ހުންނާކަށް ނުޖެހެއެވެ. އެހާވެސް އެ މަންމަ އޭނާއަށް ހެވެވެ. އެ މަދު ދުވަސްކޮޅުގައި ޔޫނުސްއަށް ހެޔޮގޮތާއި ނުބައި ގޮތް މަންމަ ބުނެދިނެވެ. ނަމަވެސް އެ މާތް އިންސާނާގެ ލޯބި ޔޫނުސްއަށް ލިބުނީ ވަރަށް މަދު ދުވަސްކޮޅަކަށެވެ. ކުރާނެ ކަމެއް ނެތެވެ. ދުނިޔެއަކީ ވަގުތީ ގޮވައްޗެކެވެ.
މަންމަގެ ސަންދޯއް ވަޅަށް ތިރިކުރެވުނު ވަގުތު ޔޫނުސްއަށް ކަރުނަތައް ހިފެހެއްޓުންވީ ދަތިކަމަކަށެވެ. އެއީ އޭނާއާ ލޭގެ ގޮތުން އެއްވެސް ވަރަކަށް ގުޅުމެއް ނެތް މީހެއް ނަމަވެސް އޭނާއަށް ހީވީ އުފަން މަންމަ ވަކިވެގެން ދިޔަހެންނެވެ. އޭނާއަށް ހޭވެރިކަން ނުވަނީސް އަމިއްލަ މަންމަ ވަނީ ދިރިއުޅުމުން ނެރެ އެއްލާލާފައެވެ. ނުވަ އަހަރު ވަންދެން އޭނާ އެ ލޯތްބަކަށް ކަރުހިއްކައިގެންފައިވާ މައިވަންތަކަމުގެ ލޯބި ދިނީ އެ ސަންދޯކުގައި އޮތް މަންމައެވެ. ނަމަވެސް މިއަދު އަނެއްކާ އެ މަންމަވެސް ޔޫނުސް އާ ވަކިވެގެން ދިޔައީއެވެ. އޭރު ބައްޕަގެ ލޮލުންވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބާތަން ޔޫނުސްއަށް ފެނުނެވެ.
ގެއަށް އައުމަށްފަހު ޔޫނުސްއަށް އިތުރަށް އުނދަގޫވާން ފެށިއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަން ހުރީ މަންމަގެ ހަނދާންތަކެވެ. ގޭތެރޭގައި ބަހައްޓާފައި ހުރި ކޮންމެ އެއްޗެއްގައި ވަނީ އެ މަންމަގެ ގައިން ދުވާ މީރު ވަހެވެ. ދެން އޭނާ ބަނޑު ހައިވޭތޯ ބަލާލާނެ މީހަކު ވާނެ ބާއެވެ؟ ސްކޫލަށްދާއިރު އޭނާއަށް އިންޓަވަލްއަށް އެންމެ މީރު ކާ އެއްޗެހި ތައްޔާރުކޮށްދޭނީ ކާކު ހެއްޔެވެ؟ އޭނާ ފިލާވަޅު ހަދައިތޯއާއި، ކިޔެވުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވޭތޯ ބަލާލާނެ މީހަކު ހުންނާނެ ހެއްޔެވެ؟ ނުނިދިގެން އުޅޭއިރު ބޮލުގައި ފިރުމައިދޭނެ އަތެއް ވާނެ ހެއްޔެވެ؟ ބައްޕައަކީ ވިޔަފާރީގެ ކަންތަކުގައި ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. ރާއްޖެއިން ބޭރަށް ވެސް ވަރަށް ގިނައިން ދެއެވެ. ކުރިން އެކަންކަމާމެދު ޔޫނުސް މާބޮޑަކަށް ވިސްނާކަށް ނުޖެހެއެވެ. އަބަދުވެސް މަންމަ އޭނާ ކައިރީގައި ހުރެއެވެ. އޭނާގެ ހުރިހާ ބޭނުންތަކެއް އެންމެ ފުރިހަމަގޮތުގައި ފުއްދައިދެއެވެ.
މަންމަ ވަކިވެގެން ދިއުމަށްފަހު ބައްޕަ އުޅެންފެށީ ކުރިއަށްވުރެވެސް ދުރުދުރުންނެވެ. ކާންވެސް ގިނަ ފަހަރު ގެއަށް ނާދެއެވެ. ޔޫނުސް ނިދާއިރުވެސް ގެއަށް ނާދެއެވެ. އޭނާ ސްކޫލަށް ގޮސް އަންނަން ޖެހެނީ އެކަންޏެވެ. ޔޫނުސްއަށް އެއްޗެއް ބޭނުންވޭތޯ ނުވަތަ ކަމަކަށް ދަތިވޭތޯވެސް ބަލާނުލައެވެ. ސްކޫލަށް ގެންދަން އެއްޗެއް ބޭނުންވެއްޖެނަމަ އޭނާ ޖެހެނީ ބައްޕައަށް ގުޅާފައި ބުނާށެވެ. އޭރުން އެ އެއްޗެއް ހޯދައިދެއެވެ. ގޭގައި އުޅޭ މީހުން ކައިރީގައި އެއްވެސް ކަމަކު ބުނާކަށް ޔޫނުސްއަކަށް ނުކެރެއެވެ. ކުރިން ގޭތެރޭގައި އޮތް ދިރުން އެކަށް ގެއްލުނެވެ. ގެއަށް މެހެމާނުން އައުންވެސް އެއްކޮށް ހުއްޓުނެވެ. ގިނަ ފަހަރު ޔޫނުސް އިންނަނީ ކޮޓަރީގައި އެކަނިމާ އެކަންޏެވެ. ގޭގައި ހުރިހާ ގަޑިއަކު ކައްކާފައި ހުރެއެވެ. ނަމަވެސް ކާން ޖެހެނީ އެކަންޏެވެ. ކުރިން ޔޫނުސް ކައި ނިމެންދެން މަންމަ އޭނާގެ ކައިރީގައި އިނދެއެވެ. ތަށްޓަށް ކާން އަޅައިދީ، މޮޑެފައި އަތުން އަނގައަށް ލަވައިދެއެވެ. އަދި އަބަދުވެސް ކޮންމެވެސް ވާހަކައެއް ދައްކައެވެ. ޔޫނުސް ފޫހިވާކަށް ނުޖެހެއެވެ. އަނެއްކާވެސް އޭނާގެ ކުރީގެ ދިރިއުޅުމަށް އިޢާދަވީއެވެ. ކުރިން އުޅުނު ތަނުގައިވެސް ކަންކަން ކޮށްދޭނެ މީހުން ތިބެއެވެ. ނަމަވެސް އުނިވީ ލޯތްބާއި އަޅާލުމެވެ. ވަށައިގެން އަބަދު މީހުން އުޅުނެއްކަމަކު އެކަނިވެރިކަމުގެ އިޙުސާސް ހިނދުކޮޅަކަށްވެސް ފިލައިގެން ނުދެއެވެ. މިހެން ކަންތައް ނުވެ ކުރިން ހުރި ތަނުގައި ހުރެވުނު ނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހޭ ޔޫނުސްގެ ހިތަށް އަރަމުން ދިޔައެވެ. މިހާރު ލިބޭ ހިތްދަތިކަން މާ ބޮޑެވެ. އެއްވެސް ވަރަކަށް ލޯބި ނުލިބުނު އިރު އެކަން ގެއްލުމުން ވާނެ ގޮތް އަންދާޒާކޮށްލާކަށްވެސް ނޭނގެއެވެ. ނަމަވެސް ލޯތްބާއި އަޅާލުން ލިބިފައި އެ ކަންކަން ބީވެގެން ދިއުމުން ކުރާ އަސަރު މާ ބޮޑެވެ.
އެގޮތުގައި ދުވަސްތައް މާޒީއާ އެކުވަމުން ދާން ފެށިއެވެ. ޔޫނުސްގެ އެކަނިވެރިކަން ދިޔައީ އެއްދުވަހަށްވުރެ އަނެއް ދުވަސް އިތުރުވަމުންނެވެ. ކުރިއެކޭ އެއްފަދައިން އަނެއްކާ ބަސްމަދުވެ، ދެރަވެފައި ހުންނަންފެށިއެވެ. އެކަމާހެދި ކެއުމާ ދުރުވެ ހަށިގަނޑު ނިކަމެތިވިއެވެ. ނަމަވެސް އޭނާގެ ޙާލު ބަލާލާނެ އެކަކުވެސް މިއޮއް ބޮޑު އުޑު ދަށުގައި ނެތެވެ.
އެއްރެއެއްގެ ދަންވަރެވެ. މަންމަ މަތިން ހަނދާންވާތީ ދެރަވެގެން ރޯން އޮވެފައި ޔޫނުސްއަށް ނިދުނީ ވަރަށް ދަންވި ފަހުންނެވެ. ގަދައަށް ނުނިދި ދެބަ ނިދީގައި އޮއްވާ ކުއްލިއަކަށް ފަޔަށް އެއްޗެއް އަރާހެން ހީވާން ފެށިއެވެ. ނަމަވެސް ނިދި ބަރުވެފައި ހުރުމުން ލޮލެއް ނުހުޅުވަޔެވެ. ދެފައި ދެފަޔަށް އުނގުޅާލާފައި އޮތް ގޮތަށް އޮތީއެވެ. އެހެން އޮއްވާ އަނެއްކާ ކަނާތު ފައިގެ ކުޑަ ކަޅުވާ މަސްގަނޑާ ދިމާއިން ހީލިކަރުވާހެން ހީވިއެވެ. އެފަހަރުވެސް ވާތު ފައިތިލައިން އަނެއް ފައިގެ ހީލި ކަރުވާ ހިސާބުގައި ކާއްތާލާފައި ނިދީގެ ތެރެއަށް ވަދެވޭތޯ ބެލިއެވެ. ނަމަވެސް ދެން އެ އިޙްސާސް ކުރެވުނީ މާ ބޮޑަށެވެ. ތިރިން ލައިގެން އޮތް ސޯޓު ތިރިއަށް ދާހެންވެސް ހީވާން ފެށިއެވެ. މިވަނީ ކީއްކަން ސިކުނޑިއަށް ނަގައިގަނެވުމާއެކު ޔޫނުސްއަށް ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. އަދި ފުންމައިގެން ތެދުވެވުނެވެ. އޭރު ކޮޓަރީގައި ދިއްލާފައި ހުރި ނޫކުލައިގެ ނިދާ ބޮކީގެ ފަނޑު އަލިން އޭނާގެ ފައިލާކޮޅުގައި އިށީނދެ މީހަކު އިންދާ ފެނުނެވެ. ކިތަންމެ އަލި ފަނޑު ނަމަވެސް އެތާ އިނީ ކާކުކަން ޔޫނުސްއަށް ވަރަށް ރަނގަޅަށް އެނގުނެވެ. އެވަގުތު ޔޫނުސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ނިދިވެސް އެއްކޮށް ފިލިއެވެ. ކުއްލިއަކަށް ޔޫނުސް ތެދުވި ތަން ފެނިފައި އެމީހަކުވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އެމީހާ މާ ހުޝިޔާރެވެ. ޔޫނުސްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އައި ގޮތަށް އައިސް ޔޫނުސްގެ އަނގަ މަތީގައި އަތް އެޅިއެވެ.
"އެއްވެސް އަޑެއް ބޭރުކޮށްގެން ނުވާނެ! އެންމެ އެއްޗެއް އަނގައިން ބުންޏަސް މަރާލާނަން!"
(ނުނިމޭ)



