ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާޅުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއިން ވަނީ މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށްފައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި މިވަނީ ބޮޑެތި ތުހުމަތުތަކެއް ރިޒް ކުންފުންޏަށް ކޮށް އެ މައްސަލަތައް ބަލަމުންދާކަމަށް ހާމަކުރައްވަމުންނެވެ. އެގޮތުން ފުލުހުން ވަނީ އެ ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.
ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް އެ ރަށުގައި މަސައްކަތް ކުރާ 15 ދިވެހިން ރަހީނު ކުރި މައްސަލައާއި ގުޅިގެން ބޮޑެތި ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ކުންފުނިން ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދީ އެތައް މަސްތަކެއް ވެފައިވާކަން ވަނީ ހާމަވެފައެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި އެ ކުންފުނިން ހިފައި ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރުވާފައިވާކަމަ ތުހުމަތު ކުރެވޭ ކަމަށެވެ.



