ލޯކަލް ކައުންސިލް އިންތިޚާބުން ދެކެނޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަން ކޮމިޝަން އޮފް މޯލްޑިވްސްއިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުން ހުޅުވާލުމާއި ގުޅިގެން 2 ކެންޑިޑޭޓުން ނަންއަނބުރާ ގެންގޮސްފައިވާކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައިވަނީ ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 5 މަރްޔަމް ޢާޠިރާ، ހެޕީރޯޒް / ލ. ކަލައިދޫ އާއި ތ. ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 6 ޙަސަން ޒަރީރު (ހަސަންބެ)، ހަސްތީ / ތ. ތިމަރަފުށި އެވެ.
ލ. ކަލައިދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 5 މަރްޔަމް ޢާޠިރާ ނިސްބަތްވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަށެވެ. އަދި ތ. ތިމަރަފުށީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 6 ޙަސަން ޒަރީރު (ހަސަންބެ) އަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓެކެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިންވެސް ދެ ފަރާތެއްގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އެއީ ބ. ހިތާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 11 ޢަމްނާ ޙުސައިން، ވައިޖެހޭގެ، ބ. ހިތާދޫ އާއި ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓް ނަންބަރު 5 ޒަހީނާ ޢަބްދުއްރަޝީދު، ލުމިނަސް، ހއ. މޮޅަދޫއެވެ. މިދެކެންޑިޑޭޓުންވެސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމީ 2020 އެޕްރީލް 4 ވަނަ ދުވަހު ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އީސީއިން ވަނީ އެ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބު ފަސްކޮށްފައެވެ. ނަމަވެސް އިތުރަށް އިންތިޚާބު ފަސްކުރުމަށް އެދިފައި މިވަނީ ދިވެހިރާއްޖެއިންވެސް މި ބަލި ފެނި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޚާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ.




