ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ޗެއާމަންކަމުގައި ހިނގާ އާރުސީސީ ކުންފުނީގެ ބިދޭސީ މުވައްޒަފުން މުޒާހަރާކުރާކަމަށްބުނެ އެމްވީކުރައިސިސް އިން ފަތުރާފައިވާ ޚަބަރާއި ގުޅިގެން އެމައްސަލަ ފުލުހުންނަށް ހުށަހަޅާނެކަމަށް ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ އެމްވީކުރައިޒިޒް އިން އެފަރާތުގެ މީސްމީޑިއާ އެކައުންޓުގައި އާރުސީސީގެ މުވައްޒަފުންތަކެއް މަގުމަތީގައި ތިބި މަންޒަރުގެ ފޮޓޯ ބޭނުން ކުރުމަށްފަހު އެކުންފުނީގެ މުވައްޒަފުންވެސް މިރޭ މުޒާހަރާކޮށްފައިވާކަމަށްބުނެ ފެތުރި ޚަބަރަކީ ދޮގު ޚަބަރެއްކަން އެކުންފުނިން ހާމަކޮށްފައި ވަނިކޮށެވެ.
މިގޮތުން އާރުސީސީއިން މި ޚަބަރާއި ގުޅިގެން ބުނެފައިވަނީ، އެކުންފުނީގެ މުވައްޒަފުން އެވަގުތު މަގުމަތީގައި ތިބީ ވޯރކް ވިސާ ކާޑު ހެއްދުމަށް ފޮޓޯ ނެގުމަށް އެމް. ފޮޓޯ ކައިރީ ކިއުގައި ކަމަށެވެ. އަދި އެމްވީ ކުރައިސިސް އިން އާރުސީސީގެ އަގު ވެއްޓޭ ގޮތަށް ފަތުރާފައިވާ ޚަބަރާއި ގުޅިގެން އެފަރާތާއި ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

މިމައްސަލައިގައި ނާޒިމް ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ، އާރުސީސީގެ ޗެއާރމަންގެ ހައިސިއްޔަތުން އެމްވީކްރައިސިސް އިން ނޫސްވެރިކަމުގެ މިނިވަން ކަމޭ ބުނެ ހިންގާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ. އަދި މިރޭ މިމައްސަލަ ފުލުހުންނަށް ހުށަހަޅާނެ ކަމަށެވެ.
މިދުވަސްވަރަކީ ބިދޭސީ މަސައްކަތްތެރިންނަށް އެމީހުންގެ މުސާރަ ނުދޭ މައްސަލައިގައި އެފަރާތްތަކުން މުޒާހަރާ ކުރަމުން އަންނަ ދުވަސްވަރެކެވެ. މިގޮތުން މިއަދުވެސް ހުޅުމާލޭގައި މިފަދަ މުޒާހަރާއެއް ކޮށްފައި ވެއެވެ. އަދި މިމުޒާހަރާގައި ފުލުހުންނާ ކޮންމެސް މިންވަރެއްގެ ކުރިމަތިލުމެއްވެސް ހިނގައިފައި ވެއެވެ.



