ސްޕެއިން ޤައުމީ ޓީމަށް ކުރިން ކުޅުނު މަޝްޙޫރު ފޯވާޑު ޑޭވިޑް ވިއާގެ ޓީމެއްކަމަށްވާ ކުއީންސްބޯރޯ އެފްސީއަށް އެކްލަބުގެ ފުރަތަމަ ކޯޗު ހަމަޖައްސައިފިއެވެ.
2022 ވަނަ އަހަރުގެ ސީޒަނުން ފެށިގެން ޔުނައިޓެޑް ސޮކާ ލީގު ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަ ކުއީންސްބޯރޯގެ ހެޑް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖޯސެޕް ގޮމްބާއޯއެވެ. ހެޑްކޯޗެއްގެ އިތުރުން އެކްލަބުގެ ސްޕޯޓިން ޑިރެކްޓަރުގެ މަޤާމުވެސް އޭނާއަށްވަނީ ދީފައެވެ.
ޖޯސެޕް ގޮމްބާއޯ މިދިޔަ ދެ ސީޒަންގައި ހޭދަކޮށްފައިވަނީ އިންޑިއާގައެވެ. މި ދެ ސީޒަންގައި އޭނާ މަސައްކަތްކޮށްފައިވަނީ އިންޑިއަން ސުޕަރ ލީގުގައި ކުޅެމުން އަންނަ ދިއްލީ ޑައިނަމޯގެ ހެޑް ކޯޗެއްގެ ގޮތުގައެވެ. ގޮމްބާއޯވަނީ މީގެކުރިން އެސްޕަނިޔޯލް އަދި ބާސެލޯނާގެ އެކަޑަމީއަށްވެސް ކޯޗުކޮށްދީފައެވެ.
ގޮމްބާއޯއާއި ކޯޗުކަން ޙަވާލުކުރަމުން ޑޭވިޑް ވިއާ ބުނީ، ގޮމްބާއޯގެ ކެރިއަރު އޭނާ ވަރަށް ގާތުން ދެކެފައިވާކަމަށާއި، މީގެކުރިންވެސް އޭނާއާއެކު އެމެރިކާގައި މަސައްކަތްކޮށްފައިވާކަމަށެވެ. އެހެންކަމުން ގޮމްބާއޯއަކީ ކުއީންސްބޯރޯ އެފްސީއަށް ރަނގަޅު ޗޮއިސްއެއްކަމަށާއި، އޭނާއަށް އެމެރިކާއިން އަނެއްކާވެސް މަރުޙަބާކިޔާނީ އުފަލުންކަމަށްވެސް ވިއާ ބުންޏެވެ.
"ގޮމްބާއޯއަކީ އެމެރިކާގެ ފުޓްބޯޅަ އެހެން ލެވެލްއަކަށް ގެންދެވޭނެފަދަ ފެންވަރު ހުރި ކޯޗެއް." ޑޭވިޑް ވިއާ ބުންޏެވެ.
އުމުރުން 44 އަހަރުގެ ގޮމްބާއޯ އޭނާގެ އުމުރުން 24 އަހަރު ފުޓްބޯޅައިގެ އެކި މަޤާމުތަކުގައި ހޭދަކޮށްފައިވާއިރު، އޭނާވަނީ ދުނިޔޭގެ ހަތަރު ކޮންޓިނެއްޓެއްގައި މަސައްކަތްކޮށްފައެވެ.
"ނިއުޔޯކަކީ އަހަރެންނަށާއި އަހަރެންގެ ޢާއިލާއަށް ވަރަށް މުހިންމު ތަނެއް. މިތަނުގެ ފުޓްބޯޅަ އިތުރަށް ކުރިއަރުވައި އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެންހުރި ހުރިހާކަމެއް ކުރަން މިހުރީ ތައްޔާރަށް." ގޮމްބާއޯ ބުންޏެވެ.



