ވީއޭއާރުގެ މައްސަލާގައި ބާސެލޯނާ އަދި ރެއަލްމެޑްރިޑް ބޮޑު ހަނގުރާމަ އަކަށް!

ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ މައްސަލާގައި ސްޕެއިންގެ ބާސެލޯނާ އަދި ރެއަލްމެޑްރިޑާއި ދެމެދު ބޮޑު ހަނގުރާމައެއް ފެށިއްޖެއެވެ.

ސްޕެއިންގެ ބޮޑެތި ނޫސްތަކުގެ ސުރުޚީތަކަށް ވީއޭއާރުގެ މައްސަލާގައި ދެޓީމުން ދައްކާވާހަކަތައް އަރާފައިވާއިރު، އެއްބަޔަކު އަނެއްބަޔަކަށް ދައްކަނީ ވީއޭއާރުން އަނެއް ކްލަބަށް ފައިދާ ކޮށްފައިވާ ވާހަކައެވެ. ވީއާއާރު ނެތްއިރުވެސް ރެފްރީގެ ނިންމުންތައް ވަކިކޮޅަކަށް ޖެހޭ ވާހަކަވެސް އެއްޓީމު އަނެއް ޓީމަށް ދަނީ ދައްކަމުންނެވެ.

ކޮންމެ އަކަސް މިމައްސަލަ ގަނޑު މިހާ ބޮޑަށް ފެންމަތިވެގެން އުޅެނީ ރެއަލްމެޑްރިޑުން އެންމެފަހުން މޮޅުވި ދެމެޗުގައިވެސް ލިބުނު ޕެނަލްޓީއިން ލަނޑު ކާމިޔާބުކޮށް މޮޅުވެފައިވާތީއެވެ. ސްޕެނިޝް ލަލީގާގައި ރެއަލްމެޑްރިޑުން އެންމެފަހުން ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ދެމެޗުގައިވެސް ޕެނަލްޓީއަކުން ރެއަލްމެޑްރިޑް ލަނޑު ކާމިޔާބުކޮށްފައިވާއިރު، މިދެޕެނަލްޓީވެސް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ދިން އިންޓަރިވިއުއެއްގައި ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ބުނީ، ވީއޭއާރުގެ ސަބަބުން ގިނަ ޓީމުތަކަކަށް ލިބެނީ ގެއްލުންކަމަށާއި، އޭގެ ފައިދާވަނީ ސްޕެއިންގެ އެންމެ ކްލަބަކަށް ކަމަށެވެ.

އަދި ސްޕެއިންގެ ނޫސްތައް ބުނާ ގޮތުން ވީއޭއާރާއި ގުޅިގެން ބާސެލާނާގެ އިސްވެރިން އެފަދަ ވާހަކަތައް ދައްކަމުންދަނީ ވޭތުވެދިޔަ ސީޒަންތަކުގައި ސްޕެނިޝް ލަލީގާ ކާމިޔާބުކުރަމުންދިޔަ ބާސެލޯނާއަށް މިސީޒަންގައި ތަށި ދިފާޢު ނުކުރެވިދާނެތީ، އެކަމާއި ގުޅިގެން ދައްކާ ވާހަކަތަކެއްކަމަށް ޤަބޫލުކުރެވޭކަމަށް ރެއަލްމެޑްރިޑުންވަނީ ބުނެފައެވެ.

77 ޕޮއިންޓާއެކު ރެއަލްމެޑްރިޑް ސްޕެނިޝް ލަލީގާގެ ތާވަލް އެއްވަނާގައި އޮތްއިރު، ވާދަވެރި ބާސެލޯނާ ދެވަނާގައި އޮތީ 73 ޕޮއިންޓާއެކުގައެވެ.

ބާސެލޯނާއިން މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން ބޭނުން ބޭނުންނަމަ ބާކީ އޮތް ހަތަރު މެޗުން ކޮންމެހެންވެސް މޮޅުވާ ޖެހެއެވެ. އަދި ބާސެލޯނާއަށް ތަށި ލިބެން އޮންނަނީ ވާދަވެރި ރެއަލްމެޑްރިޑު އަތުން މަދުވެގެން 5 ޕޮއިންޓް ގެއްލިގެންނެވެ. ރެއަލްމެޑްރިޑަށްވެސް ބާކީ ހަތަރު މެޗު އޮތްއިރު، އެތަނުން ތިން މެޗުން މޮޅުވެގެން 2019/20 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ރެއަލްމެޑްރިޑަށް ކާމިޔާބުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ