ތިލަފުށީގައިހުރި ސެކިއުއާ ބޭގް ކުންފުނީގެ ގުދަނެއްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ގުދަނުގައި ރޯވެފައިވާ އަލިފާންގަނޑުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފް އިން ބުނެފައިވަނީ ރޯވެފައިވާ އަލިފާންގަނޑު އެކީއެކަށް ކޮންޓުރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވަނީ ދަންވަރު 12:16 ހާއިރުކަމަށް އެމްއެންޑީއެފް ބުވެފައިވެއެވެ.
އެމްއެންޑީއެފްގެ ދެ ފަޔާޓީމެއް އަލިފާންގަނޑު ކޮންޓުރޯލް ކުރުމަށް ހަރަކާތްތެރިވެފައިވާއިރު އަލިފާންގަނޑު އެ ގުދަނުގައި ފިޔަވައި އިތުރު ތާކަށް ފެތުރިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެމްއެންޑީއެފް އިން ބުނެފައިވަނީ މި ގުދަނުގައި ގިނަ އަދަދަކަށް ރޯވާ ޒާތުގެ ތަކެތި ހުރި ކަމަށެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ދަވާދުވެސް އެބަހުރި ކަމަށެވެ.
ތިލަފުށީގައިހުރި ސެކިއުއާ ބޭގް ކުންފުނީގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ 20:24 ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.



