ރޭ ތިލަފުށީގައިހުރި ސެކިއުއާ ބޭގް ކުންފުނީގެ ގުދަނެއްގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވީނަމަވެސް އަދިވެސް ހުއްޓުމެއްނެތި ފެންޖަހަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރޭ ތިލަފުށީގައި ރޯވި ގުދަނުގައި ރޭ އިން ފެށިގެން ހުއްޓުމެއްނެތި ސިފައިން ހަރަކާތެރި ވަމުންދާ ކަމަށެވެ.
"އަދިވެސް ފަޔަރ ޓީމުން ދަނީ ފެން ޖަހަމުން، ފެން ޖަހަނީ ހޫނުގެ ސަބަބުން ދޭތެރެދޭތެރެއިން ހުޅުގެ އަސަރު ހުންނާތީ" އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ދެ ފަޔާޓީމެއް އަލިފާންގަނޑު ކޮންޓުރޯލް ކުރުމަށް ހަރަކާތްތެރިވެފައިވާއިރު އަލިފާންގަނޑު އެ ގުދަނުގައި ފިޔަވައި އިތުރު ތާކަށް ފެތުރިފައި ނުވާކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެމްއެންޑީއެފް އިން ބުނެފައިވަނީ މި ގުދަނުގައި ގިނަ އަދަދަކަށް ރޯވާ ޒާތުގެ ތަކެތި ހުރި ކަމަށެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ދަވާދުވެސް އެބަހުރި ކަމަށެވެ.
ތިލަފުށީގައިހުރި ސެކިއުއާ ބޭގް ކުންފުނީގެ ގުދަނުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ 20:24 ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަލިފާނުގެ މިހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.



