ދިވެހިރާއްޖޭން ޔޫރަޕަށް ރެކޯޑް އަދަދަކަށް މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރައްވައިފިއެވެ.
އެމްއޭސީއެލް އިން މިކަން ހާމަކުރައްވައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ހަދާފައިވާ ރެކޯޑް މުގުރާލުމަށްފަހު އިއްޔެ ޓާކިޝް އެއާލައިންގެ ފްލައިޓަކުން ގިނަ އަދަދެއްގެ މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ކާގޯ އެކްސްޕޯޓް ކުރި ދުވަސް ކަމަށްވެސް އެމްއޭސީއެލް އިން ހާމަކުރިއެވެ.
ޓާކިޝް އެއާލައިން އިން މި ފަހަރު ޔޫރަޕަށް އެކަނި އެކްސްޕޯޓު ކޮށްފައި ވަނީ 35.3 ޓަނުގެ ފިނިކުރި މަހާއި 1.1 ޓަނުގެ ދިރޭ މަސް ކަމަށެވެ. މިގޮތުން ޖުމްލަ 36.4 ޓަނުގެ މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ހާމަކުރިއެވެ.