ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއަށް ދެވޭނެގޮތް ހަމަޖައްސައިފި

އާސަންދައިގެ ދަށުން ނޫނަސް ކްރިޓިކަލް ފަރުވާ ބޭނުންވާ ފަރާތްތަކަށް އިންޑިއާއިން ބޭސްފަރުވާކުރުމަށް އެޤައުމަށް ދިޔުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމުގައި ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ޚާއްސަ ހުއްދަ ލިބިފައިވަނީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އިންޑިއާ ސަރުކާރާއި، މާލޭގައި ހުންނަވާ އިންޑިއާ ސަފީރާއެކު ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ ކްރިޓިކަލް ކެއަރ ބޭނުންވާ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް އެދުމަށް ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ޑިޕާޓްމަންޓަށް މެއިލް ކުރެއްވުމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ 7983400 އިން ލިބިވަޑައިގަންނަވާނެ ކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

"މިއީ ރާއްޖެއިން ލިބެން ނެތް، ކްރިޓިކަލް ފަރުވާ ހޯދާ ފަރާތްތަކަށް ޚާއްސަކޮށް އިންޑިއާ ސަރުކާރުން ދެއްވި ފުރުސަތެއް" އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީ އިތުރަށް ވިދާޅުވެފައިވަނީ އެ މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް ދިޔުމުގެ ހުއްދައަށް އެދުނުނަމަވެސް، ދަތުރުކުރެވޭނީ އިންޑިއާ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު، ހުއްދަ ދޭ ފަރާތްތަކަށްކަމަށާއި، އެގޮތުން ދަތުރުކުރުމުގެ ހުއްދަ ލިބޭ ފަރާތްތަކުން އިންޑިއާއަށް ދިޔުމަށް، މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މެޑިކަލް ވިސާ ނަގަން ޖެހޭނެކަމަށެވެ.

މިގޮތަށް ބޭސްފަރުވާއަށް ވަޑައިގަންނަވާ ފަރާތްތަކުން އިންޑިއާގައި ތިބުމާއި، ކަރަންޓީންވުމުގެ އިންތިޒާމްތަކާއި، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ އެފަރާތަކުން އަމިއްލައަށްކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އިންޑިއާގެ ބޯޑަރު ބަންދުކޮށް، އަދި ބައެއް ސަރަހައްދުތައް ލޮކްޑައުންގައި އޮތުމުން އިންޑިއާއަށް މިވަގުތު ދަތުރުނުކުރެވޭތީ، ކްރިޓިކަލް ފަރުވާ ހޯދުމަށް އެގައުމަށް އެތެރެވުމަށް ދިވެހިންނަށް ދިން ޚާއްސަ ހުއްދައަކީ މިގޮތަށް އެގައުމުން ދިން ފުރަތަމަ ހުއްދައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ