ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަހުލާގީ މައްސަލައަކާއި ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެނގި އެންގުމަށް ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މައުމޫން އަބްދުލް ގައްޔޫމް ތާއީދު ކުރައްވައިފިއެވެ.
މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ސޯލިހް އެނގެވިކަން ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު އިއުލާންކުރެއްވެވި މެސެޖު ހިއްސާ ކުރައްވަމުން ރައީސް މައުމޫން ވިދާޅުވެފައިވަނީ، މިކަހަލަ މައްސަލަތަކުގައި އަވަސް އިސްލާހީ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
ރައީސް ސޯލިހް މިނިސްޓަރު އަލީ ވަހީދަށް މަގާމުން އިސްތިއުފާ ދިނުމަށް އަންގައިފައިވަނީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހް އަށާއި އަދި ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާތީކަމަށް އިބްރާހިމް ހޫދު މިރޭވަނީ ވިދާޅުވެފައެވެ.
މި ކަހަލަ މައްސަލަ ތަކުގައި އަވަސް އިޞްލާޙީ ފިޔަވަޅު އެޅުން ވަރަށް މުހިންމު https://t.co/MfQH2pIlf1
— Maumoon Abdul Gayoom (@maumoonagayoom) July 8, 2020
މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދިނުމަށް ރައީސް ސޯލިހް އަންގަވައިފައިވަނީ އަލީ ވަހީދުގެ ކޮން އަހްލާގީ މައްސަލަތަކަކީ ގުޅިގެން ކަމާއި އަދި މިކަންކަން ރައީސްގެ ސަމާލުކަމަށް އައިސްފައިވަނީ ކޮންއިރަކުކަން އިބްރާހިމް ހޫދު ވިދާޅުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބޭގޮތުގައި އަލީ ވަހީދު މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށް އަންގައިފައިވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މައްސަލަތަކަކާއި ގުޅިގެންނެވެ. އަދި މައުލޫމާތު ލިބޭގޮތުގައި މިމައްސަލަތައް މިހާރުވަނީ ފުލުހަށްވެސް ހުށަހަޅައިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.




