ސަބަބެއް ނެތި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް މައްސަލައެއްގެ ސްޓޭންޑް ބަދަލު ނުކުރައްވާ ކަމަށާއި، ސްޓޭންޑް ބަދަލު ކުރާނަމަ ފިޔަވަޅު އަޅަން ޖެހިދާނެކަމަށްބުނެ ހައިކޯޓަށް އިންޒާރު ނުދެވޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.
އިސްތިއުނާފް މަރުހަލާތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރާނަމަ ޕްރޮސެކިއުޓާ ޖެނެރަލާ މެދު ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށްބުނެ ޕީޖީއަށް އިންޒާރު ދީފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެ ކޯޓުގައި ކުރިއަށް ގެންދިޔަ، ރިޔާސީ ލޯންޗްކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވި ސިފައިންގެ ކުރީގެ މީހުންގެ ތެރެއިން އެކަކުގެ އިސްތިއުނާފް ޝަރީއަތުގައި އެކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒްއެވެ.
އެ މައްސަލާގައި ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ބިޝާމް ވިދާޅުވީ "ހައިކޯޓުން އެ އިންޒާރުދިން ޝަރީޢަތުގައި އެފަދަ ކަމެއް ހިނގާފައި ނުވާކަމަށާއި، އެއް ކޯޓެއްގައި ދެފަހަރު ގޮސް ސްޓޭންޑް ބަދަލުކޮށްފައިވެސް ނުވާނެ" ކަމަށެވެ.
ބިޝާމް ވިދާޅުވީ ގާނޫނު އަސާސީއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުގައި ދައުވާކުރަން ނިންމާނިންމުން އަނބުރާ ގެނައުމާއި އެނިންމުމެއް ބަދަލުކުރުމާއި ރިވިއުކުރުމުގެ ވާހަކަ ޞަރީޚަ އިބާރާތުން ލިޔެފައިވާކަމަށާއި އެހެންކަމުން އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
އެއްވެސް ސަބަބެއް ނެތި ޕީޖީގެ ސްޓޭންޑް ބަދަލު ނުކުރައްވާ ކަމަށް ބިޝާމް ވިދާޅުވެފައިވާއިރު, ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލުހުކުމަކީ ނާޒިމަށް ކޮށްގެންވާނެ ހުކުމެއް ނޫންކަމަށް ޕީޖީން ސުޕްރީމް ކޯޓޫގައި ވިދާޅުވުމުން ސުޕްރީމް ކޯޓުން ވަނީ އެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ކަނޑައަޅާފައެވެ.
މީގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.




