ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޔާމީން ބަންދުން ދޫކޮށްލަން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ފެބްރުއަރީ މަހުގެ 18 ގައެވެ. ނަމަވެސް މާޗް 13 ވަނަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ.
ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
ޕީޖީއިން ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް މިއަދު ހެނދުދަށް ތާވަލް ކޮށްފައިވެއެވެ.
ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައިވާއިރު، އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތައް ދައުވާ ސާފުކޮށްނުދެވުމުން ދައުވާ ސާފުކޮށްދިނުމަށް ދިހަ ދުވަހުގެ މުހުލަތެއް ކޯޓުން ވަނީ ދައުލަތައް ދީފައެވެ.
މިހާތަނަށް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަމައެކަނި މަނީ ލޯންޑްރިން މައްސަލައިގައި ކަމަށް ވީނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.




ހިޔާލު
Thiee jamaa athehge thereah dhookoffa bahattan heyovaavaruge ***** noon. ****** kadugai levvinama raajjey sarahahdhuga meehun kan’du dhathureh nukuraane