300 އަށްވުރެ ގިނަ އަންހެން ކުޑަކުދިންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އިންޑޮނޭޝިއާގައި ހައްޔަރުކޮށްފައިވާ ފުރާންސުގެ ރައްޔިތެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށް އެގައުމުގެ ޕުރޮސިކިއުޓަރުން ދައުވާ ކޮށްފިއެވެ.
އުމުރުން 65 އަހަރުގެ ފުރާންކޮއިސް އަވިލޯ ކެމީލް ނަމަކަށް ކިޔާ މިމީހާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވެއްޖެނަމަ އިންޑޮނޭޝިއާގެ ގާނޫނު ބުނާގޮތުން އުމުރު ދުވަހަށް ޖަލަށްލުން ނުވަތަ ބަޑި ޖަހައި މަރާލުމުގެ ހުކުމެއް އަންނާނެއެވެ.
އިންޑޮނޭޝިއާގެ ފުލުހުން ކެމީލް ހައްޔަރުކޮށްފައިވަނީ މިދިޔަމަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ހޮޓަލެއްގެ ތެރޭގައި ކުޑަ ދެ އަންހެން ކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގަން ތިއްބައެވެ. މީގެއިތުރުން ކެމީލް ގެންގުޅޭ ލެޕްޓޮޕުން އެތައްސަތޭކަ ކުޑަކުދިންނާއެކު ކެމީލް ޖިންސީ ގުޅުން ހިނގި ވީޑިއޯ ރިކޯޑިންވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކެމީލް ޖިންސީ ގުޅުން ހިނގި ކުދިންގެ އެވްރެޖު އުމުރަކީ 10 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަ އަންހެން ކުދިންނެވެ. އަދި މިކުދިންނާ ކެމީލް ޖިންސީ ގުޅުން ހިނގައިފައިވަނީ މޮޑެލް ކުރުމުގެ ނަމުގައި ގެނެސް ލާރި ދީގެންނެވެ. ކެމީލްގެ އެދުމަށް އޭނާއާއެކު ޖިންސީ ގުޅުން ނުހިނގި ކުޑަކުދިންނަށް އަނިޔާ ކޮށްފައިވާކަމަށްވެސް އިންޑޮނޭޝިއާ ފުލުހުން މައުލޫމާތު ދެއެވެ.
ފަތުރުވެރިކަމުގެ ވިސާގައި ކެމީލް އިންޑޮނޭޝިއާއަށް ފާއިތުވެދިޔަ ފަސް އަހަރު އެތައް ފަހަރަކު އެތެރެ ވެފައިވާއިރު ކެމީލްގެ ޝިކާރައަކަށްވި އިތުރު ކުދިންވެސް ތިބުން އެކަށީގެންވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބައިނަލްއަގްވާމީ އެންޓި ޓުރަފިކިން ނެޓްވޯކް އީ.ސީ.ޕީ.އޭ.ޓީ އިންޓަރނޭޝަނަލްގެ ރިޕޯޓުތަކުން ދައްކާގޮތުގައި އަހަރެއްގެ ތެރޭގައި އިންޑޮނޭޝިއާގައި 70،000 ވުރެ ގިނަ ކުދިންނަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ.




