ލަލީގާ ތަށި ޔަޤީންކުރަން ރެއަލް ދެން ބޭނުންވަނީ ދެ މޮޅު

އަލްވެސް ބަލިކޮށް މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމާއި ގާތަށް ރެއަލްމެޑްރިޑް ޖެހިލައިފިއެވެ.

  • ރެއަލްމެޑްރިޑުން ސްޕެނިޝް ލަލީގާ އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2016/17 ސީޒަންގައި ޒިދާންގެ ކޯޗުކަމުގެ ދަށުގައި.
  • ސްޕެނިޝް ލަލީގާ ޔަޤީންކުރަން ރެއަލްމެޑްރިޑް ދެން ބޭނުންވަނީ ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗުވުން މޮޅުވުން.
  • މީގެކުރިން 33 ފަހަރެއްގެ މަތިން ރެއަލްމެޑްރިޑުންވަނީ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައި. ވާދަވެރި ބާސެލޯނާއަށް މިމުބާރާތް ކާމިޔާބުކުރެވިފައިވަނީ 26 ފަހަރު.

ރޭގެ މޮޅާއެކު މިހާތަނަށް ކުޅުނު 35 މެޗުން 80 ޕޮއިންޓް ރެއަލްމެޑްރިޑަށްވަނީ ލިބިފައެވެ. ލީގު ޔަޤީންކުރަން މަދުވެގެން ދެން ރެއަލްމެޑްރިޑް ބޭނުންވަނީ ދެ މެޗުން މޮޅުވުމެވެ. ރެއަލްމެޑްރިޑަށް އަދި ބާކީ ތިން މެޗު އެބައޮތެވެ. ކުރިއަށް އޮތް ތިން މެޗުގައި ރެއަލްމެޑްރިޑް ބައްދަލުކުރާނީ ގްރަނާޑާ އަދި ވިލަރެއާލްގެ އިތުރުން ލެގަނޭސްއާއެވެ. އެހެންނަމަވެސް ވާދަވެރި ބާސެލޯނާގެ މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކަށް މިއަށްވުރެ އަވަހަށްވެސް ރެއަލްމެޑްރިޑަށް މިސީޒަންގެ ލަލީގާ ކަށަވަރުވެދާނެއެވެ.

އެސްޓާޑިއޯ އަލްފްރެޑޯ ދި ސްޓެފަނޯ ސްޓޭޑިއަމްގައި ރޭ ކުޅެވުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ކަރިމް ބެންޒެމާ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. 11 ވަނަ މިނަޓްގައި ބެންޒެމާ ކާމިޔާބުކޮށްދިން މިޕެނަލްޓީއަކީ މިސީޒަންގައި އޭނާ ކާމިޔާބުކޮށްދިން 18 ވަނަ ލަނޑެވެ. ރެއަލްމެޑްރިޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މާކޯ އަސެންސިއޯއެވެ. މިލަނޑު ޖަހަން އަސެންސިއޯއަށް ބެންޒެމާ ބޯޅަ ދީފައިވަނީ އޮފްސައިޑް ޕޮޒިޝަނެއްގައި ހުރެކަމަށް އަލްވެސްއިން އެޕީލްކުރުމާއި ގުޅިގެން ރެފްރީ ލަނޑެއްކަމަށް ނިންމާފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ރެއަލްމެޑްރިޑަށް ލިބިފައިވާއިރު، ރޮޑްރީގޯ އަދި ބެންޒެމާ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. މިދެހަމަލާވެސް އަލްވެސްގެ ކީޕަރު ރޮބާޓޯވަނީ ދިފާޢުކޮށްފައެވެ. މީގެއިތުރުން ރެއަލްމެޑްރިޑްގެ ކީޕާރު ކޯޓުއާވަނީ އަލްވެސްގެ ޖޯސެލޫ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ދިފާޢުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ