ރޭޕްކުރި 2 މީހުން ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދަން ނުފެންނާތީ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވާކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 26 ވަނަ ދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު ހުޅުމާލެ، ލަކުޑި ޖެޓީ ސަރަހައްދުގައި އެ އަންހެންމީހާ އާއި އިތުރު 2 ފިރިހެނަކު ތިއްބާ ފުލުހުން އެތަނަށް ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
2020 ޖޫން 25 ވަނަ ދުވަހުގެ ރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ 2 މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލައި ޖިންސީ ގޯނާކުރިކަމަށާއި، އެމީހުންގެ އަމަލުތައް ހުރި ގޮތުން އެފަދަ އަމަލެއް ތަކުރާރުކޮށްފާނެތީ ސަލާމަތްވުމުގެ ގޮތުން މޫދަށް ފުންމާލުމުން ޑިންގީއެއްގައި އެ ދެމީހުން އައިސް އޭނާ ޑިންގީއަށް ނަގައިގެން ގެނެސް ޖެޓީއަށް ބޭލީކަމަށް އެ އަންހެން މީހާ ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުން، އެތަނުގައި ތިބި 2 ފިރިހެނުން އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެއީ ދެމިގެންދިޔަ ކުށުގެ ވެއްޓެއް ކަމަށްވާތީ ކަމަށާއި ބިދޭސީ އަންހެން މީހާ 26 ވަނަ ދުވަހުގެ ހެނދުނު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 39 އަހަރުގެ 2 މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



