ލަލީގާ - ބާސެލޯނާއިން ވަލަޑޮލިޑް ބަލިކުރިއިރު، މެސީއަށް ރެކޯޑެއް

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާއިން ވަލަޑޮލިޑް ބަލިކުރިއިރު، ކެޕްޓަން ލިއޮނަލް މެސީ ރެކޯޑެއް ހަދައިފިއެވެ.

ހޯސޭ ޒޮރިއްލާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އާތޫރޯ ވިޑާލް ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނަޓްގައެވެ. މެސީގެ ޕާހަކުން ވިޑާލް ކާމިޔާބުކޮށްދިން މިލަނޑަކީ އޭނާ މިސީޒަންގެ ލަލީގާގައި ކާމިޔާބުކޮށްދިން 8 ވަނަ ލަނޑެވެ.

ރޭގެ މެޗުގައި މެސީ ދިން އެސިސްޓާއެކު ލަލީގާގެ ތާރީޚުގައިވެސް އެއްސީޒަނެއްގައި 20 އަށްވުރެ ގިނަ ލަނޑު ޖަހައި 20 އަށްވުރެ ގިނަ އެސިސްޓް ހެދި ފުރަތަމަ ކުޅުންތެރިޔާއަށް އޭނާ ވަނީ ވެގެންގޮސްފައެވެ. މިސީޒަންގެ ލަލީގާގައި މެސީ މިހާތަނަށް 22 ލަނޑު ޖަހާފައިވާއިރު، 21 އެސިސްޓްވަނީ ހަދާފައެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައި އަދި އެންމެ ގިނަ އެސިސްޓް ހެދުމުގެ ރެކޯޑު އޮންނަނީ އާސެނަލްއަށް ކުރިން ކުޅުނު ފްރާންސްގެ ލެޖެންޑް ތިއެރީ އޮންރީ އަތުގައެވެ. ޕްރިމިއާ ލީގު 2002-03 ސީޒަންގައި އޭނާވަނީ އާސެނަލްއަށް 24 ލަނޑު ކާމިޔާބުކޮށް 20 އެސިސްޓް ހަދާފައެވެ. އުމުރުން 33 އަހަރުގެ މެސީއަށް މިސީޒަންގައި އަދި ބާކީ ދެ މެޗު އޮތްއިރު އޮންރީގެ ރެކޯޑު މުގުރާލުމުގެ ފުރުޞަތުވެސް އަދިއެބައޮތެވެ.

ރޭގެ މޮޅާއެކު ބާސެލޯނާވަނީ ރެއަލްމެޑްރިޑާއި1 ޕޮއިންޓާއި ގާތަށް ޖެހިލާފައެވެ. ރެއަލްމެޑްރިޑަށްވުރެ އިތުރަށް ބާސެލޯނާ އެއް މެޗު ކުޅެފައިވާއިރު، ބާސެލޯނާއަށް މިސީޒަންގެ ލަލީގާ ކާމިޔާބުކުރެވޭނީ ރެއަލްމެޑްރިޑް އަތުން 5 ޕޮއިންޓް ގެއްލިގެންނެވެ.

ވާދަވެރި ރެއަލްމެޑްރިޑަށް ބާކީ ތިން މެޗު އޮތްއިރު، އެތަނުން ދެ މެޗުން މޮޅުވެގެން 2019/20 ވަނަ އަހަރުގެ ސްޕެނިޝް ލަލީގާ ރެއަލްމެޑްރިޑަށް ކާމިޔާބުކުރެވޭނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ