އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޝެފީލްޑް ޔުނައިޓެޑު އަތުން ދަށްވެ ޗެލްސީއިން ގަދަ 4 ކަށް ކުރާ އުންމީދުތަކަށް ހުރަސްތަކާއި ކުރިމަތި ވެއްޖެއެވެ.
ބްރެމޯލް ލޭން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ޗެލްސީ ދަށްވީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށިގެންދިޔައީ ޝެފީލްޑުގެ ފަރާތުން ފެނުނު މޮޅު ކުޅުމާއެކުގައެވެ. އެގޮތުން ފުލުފުލުގައި ޗެލްސީއަށް ނުރައްކާކުރަމުންދިުަ ޝެފީލްޑުން މަސައްކަތްތައް މަޑު ޖައްސާލީ ޗެލްސީ ކޮޅަށް ލަނޑެއް ޖެހުމަށްފަހުގައެވެ. މެޗުގެ 18 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ މެކްގޯލްޑްރިކެވެ. މެކްބާނީ ފޮނުވާލި ނުރައްކާތެރި ހަމަލާ ޗެލްސީގެ ކީޕަރު ކެޕާއަށް ރަނގަޅަށް ދިފާޢު ނުކުރެވިގެން ގޯލްގެ ކުރިމައްޗަށް ނިކުތް ބޯޅަ މެކްގޯލްޑްރިކް ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.
ޝެފީލްޑްގެ މިލަނޑަށްފަހު ޗެލްސީއިން ކުޅުން ރަނގަޅުކޮށް މެޗުގެ ލަނޑެއް ޖެހުމަށް އިތުރު މަސައްކަތްތަށް ފެށިއެވެ. އެހެންނަމަވެސް ޝެފީލްޑް ގޯލަށް ނުރައްކާވާކަހަލަ ހަމަލާއެއް ޗެލްސީއަށް ނުއުފެއްދިގެން އުޅެނިކޮށް ޝެފީލްޑުން ޗެލްސީ ޙައިރާންކޮށްލީ އޮލީ މެކްބާނީ ކާމިޔާބުކޮށްދިން ޝެފީލްޑްގެ ދެވަނަ ލަނޑާއެކުގައެވެ. ސްޓީވެންސް ހުރަސްކޮށްދިން ހިތްގައިމު މިބޯޅަ މެކްބާނީ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުންނެވެ.
ޝެފީލްޑްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން މެކްގޯލްޑްރިކެވެ. އެލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 77 ވަނަ މިނަޓްގައެވެ.

ރޭގެ މެޗުގައި ޗެލްސީއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވަނީ އުފައްދާފައެވެ. އެހެންނަމަވެސް ޝެފީލްޑް ގޯލަށް ނުރައްކާވާކަހަލަ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ރޭގެ ބައްޔާއެކު ގަދަ ހަތަރަކަށް ޗެލްސީއިން ކުރަމުންދާ މަސައްކަތަށް ބުރޫ އަރާފައިވާއިރު، 35 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ 3 ވަނާގައެވެ. އެހެންނަމަވެސް ހަތަރުވަނާގައި އޮތް ލެސްޓާ އާއި ފަސްވަނާގައި އޮތް މެންޗެސްޓާރ ޔުނައިޓެޑް ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެދެޓީމަށްވެސް ޗެލްސީގެ ކުރިއަށް އެރޭނެއެވެ. 34 މެޗުން ލިބުނު 59 ޕޮއިންޓާއެކު ހަތަރު ވަނާގައި ލެސްޓާއޮތްއިރު ފަސްވާގައި މެންޗެސްޓާރ ޔުނައިޓެޑް އޮތީ 34 މެޗުން ލިބުނު 58 ޕޮއިންޓާއެކުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ، ހުރިހާ ޗެލްސީއަށްވުރެ ގޮތަކުންވެސް ރޭގެ މެޗުގައި ޝެފީލްޑް މޮޅުކަމަށާއި، ރޭގައި ޗެލްސީގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ކަންބޮޑުވާކަމަށެވެ. އަދި މިލިބުނު ފިލާވަޅާއެކު ގަދަ ހަތަރަކަށް ކުރާ މަސައްކަތް އިތުރަށް ވަރުގަދަ ކުރަންޖެހޭކަމަށްވެސް ލަމްޕާޑު ބުންޏެވެ.



