ކަނޑު އަޑިން ޑިންގީއެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ ކަނޑު އަޑިން ޑިންގީއެއް ފެނުނު ކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ ސާޗު އޮޕަރޭޝަން އެއް ކުރިޔަށް ގެންދަމުން ދާކަމަށެވެ.
ފުލުހުން ވިދާޅުވީ މި ސާޗު އޮޕަރޭޝަން ކުރިޔަށް ގެންދަނީ ލ އަތޮޅުގެ ސަރަހައްދެއްގައި ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޑިންގީ ފެނިފައިވަނީ ލ. ފޮނަދޫ ކައިރިއަށް ފީނަން ދިޔަ ބަޔެކަށެވެ. ފުލުހުންނަށް ޑިންގީ ފެނިގެން ރިޕޯޓު ކޮށްފައި ވަނީ އެމީހުންނެވެ.
2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ލ. ކައްދޫއިން އެ އަތޮޅު މާމެންދޫއަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދުމުގެ މަސައްކަތް މީގެ ކުރިން އެތައް ފަހަރަކު ކުރި ނަމަވެސް ޝިމާ މިހާތަނަށް ފެނިފައި ނުވެއެވެ.
ޝިމާ ގެއްލުނު މައްސަލާގައި ބޮޑު ތުހުމަތެއް އަމާޒުވެފައިވަނީ، އޭނާއާ އެކު ޑިންގީގައި ދަތުރު ކުރި އިބްރާހިމް ފަޒީލްގެ މައްޗަށެވެ. ފަޒީލް ދައްކާ ބައެއް ވާހަކަ ދިމާ ނުވާކަމަށްވެސް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ޝިމާގެ އާއިލާއިން ވަނީ ފަޒީލް ދައްކާ ވާހަކަ ގަބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ.



