މަޖިލީހުގެ ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލަތް) ބިދޭސީންގެ ހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅައިފައިވަނީ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެމީހުންނަށް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ގައުމީ ސަލާމަތަށް ނުރައްކާ ވާނެގޮތައް ފުލުހުންނާއި ކުރިމަތިލާފައިވާތީއެވެ.
ހަލީމް ވިދާޅުވެފައިވަނީ މި މައްސަލަ މަޖިލީހަށް ހުނަހެޅުއްވީ ގަވާއިދާ ހިލާފަށް އުލެމުންދާ ބައެއް ބިދޭސީން ގައުމީ ސަލާމަތައް ނުރައްކާ ވާނެގޮތައް މުޒާހަރާކޮށް ފުލުހުންނާއި ކުރިމަތިލައި ތަކެއްޗާއި މުދަލަށް ގެންލުންދީ މިކަމަށް ހިތްވަރު ލިބޭގޮތައް އަމމަލު ކުރަމުން ދިއުމެވެ. މި މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ސާރުކާރާއި ދައުލަތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް ކުރުމަށް އަހުމަދު ހަލީމް ގޮވާލައްވައިފައިވެއެވެ.
މި މައްސަލަ ބަލައިގަނެ ބަހުސްކުރުމަށް ހުޅުވާލަން ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. އަދި ބަލައިގަންނަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއް ނުވެއެވެ.
ބ އަތޮޅުގައި ރިސޯޓެއް ހަދަމުންދާ ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކެއް، ޖުލައިމަހުގެ 2 ވަނަ ދުވަހުވަނީ 12 ދިވެހިން ރަހީނުކޮށް ހަމަނުޖެހުންތަކެއް ހިންގާފައެވެ. ބޮޑުފިނޮޅުގައި ބިދޭސީން ހަޅުތާލުކޮށް ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކޮށްފައިވަނީ އެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަތް މަސްވެފައިވާތީ ކަމަށް ބުނެއެވެ. މި މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއިވެއެވެ.
އަދި މުސާރަ ނުދޭކަމަށް ބުނެ ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީންތަކެއް އެ މީހުން މަސައްކަތް ކުރާ ކުންފުނީގެ އޮފީސް ކައިރިއަށް އެއްވެފައިވެއެވެ.




