ދިވެހި ޤާނޫނު އަސާސީ އިސްކަންދެނީ އަދި ޙައްޤުތައް އޮތީ ދިވެހިންނަށް ކަމަށާއި މިތަނަށް އަރާހާ ބިދޭސީން މުޒާހަރާކޮށް ބޭނުންހާ ގޮތަކަށް އުޅުމުގެ ޙައްޤެއް ނޯންނާނެކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.
ސިފައިންނާއި ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރަމުންއަންނަ އައިލެންޑް އެކްސްޕާޓް ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދީ އެތައް ދުވަހެއް ވުމާއި ގުޅިގެން މިއަދު ވަނި ހުޅުމާލޭގައި އެމީހުން ބޮޑު މުޒާހަރާއެއް ކޮށްފައެވެ. މި މުޒާހަރާގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ފުލުހުންނަށް ހަމަލާ ދީފައެވެ. އެގޮތުން ބިދޭސީން މަސައްކަތް ތެރިން ވަނީ ގަލާއި އެހެނިހެން ތަކެތި ފުލުހުންނާއި ދިމާއަށް އުކާފައެވެ.
ދިވެހި ޤއ އިސްކަން ދެނީ ޙައްގުތަށްއޮތީ ދިވެހިންނަށް މިތަނަށް އަރާހާ ބިދޭސީން މުޒާހަރާކޮށް މީހުނަށް އަނިޔާކޮށް ބޭނުން ހާގޮތަކަށްއުޅުމުގެޙައްގެއްނޯންނާނެ ޙައްގުތަކުގެނަމުގަ ހަރަކާއްތެރިވާ ބޭރުގެޖަމާއަތްތަކުން ބަންގާޅީން މިތާވަޒަންވެރިއެއްނުުކުރުވޭނެ.
— Reekomoosa (@ReekoMoosa) July 13, 2020
މިކަމާއި ގުޅިގެން ރީކޯ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ޙައްގުތަކުގެނަމުގަ ހަރަކާއްތެރިވާ ބޭރުގެ ޖަމާއަތްތަކުން ބަންގްލަދޭޝް މީހުން މިތާވަޒަންވެރިއެއް ނުކުރެވޭނެކަމަށެވެ.
މުސާރަ ނުދިނަސް ނުދެވުނަސް އަޅަންހުރި ފިޔަވަޅުތަށް އަޅައިގެން މުސާރަހޯދަން މަސައްކަތްކުރުމުގެ ބަދަލުގަ ދިވެހި ފުލުހުންނާ ސިފައިންނަށް އަނިޔާކޮށް މުދާހަލާކުކުރުމަކީ ބަޔަކުރާވައިގެން ހިންގާ ކަމެއްކަމުގައިވެސް ރީކޯ ވަނީ ވިދާޅުވެފައެވެ. ރިކޯ ވަނީ އަތޮޅު ތެރޭގައި ތިބި ބަންގްލަދޭޝް މީހުން މާލެއަށް ޖަމާވިޔަ ނުދިނުމަށްވެސް ގޮވާލައްވާފައެވެ.
"މަޖިލީހުގައި ބިދޭސީންގެ މައްސަލާގައި ބަހުސްކުރާތީ ރާވައިގެން ހުޅުމާލޭގައި ހަމަނުޖެހުން ހިންގީ މިއަދު" ރީކޯ ވިދާޅުވެފައިވެއެވެ.
ދާދި ފަހުން ވަނީ މުސާރަ ދުނޭ މައްސަލާގައި ބޮޑު ފިނޮޅުގައިވެސް ބިދޭސީންތަކެއްވެގެން ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގާފައެވެ. މި މައްސަލާގައި އެ ރަށުގައި ރިސޯޓް ހަދަމުންދާ ރިޒް ކުންފުނީގެ މައްޗަށް ވަނީ ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައެވެ.
ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި ގެންގުޅެމުންދާއިރު، މިއަހަރު20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދަޅުވެފައެވެ.




