300 އަށްވުރެ ގިނަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހާ އަމިއްލައަށް މަރުވެއްޖެ

300 އަށްވުރެ ގިނަ އަންހެން ކުޑަކުދިންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އިންޑޮނޭޝިއާގައި ހައްޔަރުކޮށްފައިވާ ފުރާންސުގެ ރައްޔިތެއް ކަމަށްވާ ފުރާންސްކޮއިސް އަވިލޯ ކެމީލް އަމިއްލައަށް މަރުވެއްޖެއެވެ.

އުމުރުން 65 އަހަރުގެ ކެމީލް އަމިއްލައަށް މަރުވެފައިވަނީ އޭނާ ބަންދުކޮށްފައިވާ ޖަލު ގޮޅި ތެރޭގައެވެ. އިންޑޮނޭޝިއާ ފުލުހުންގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވެފައިވަނީ، ކެމީލް ޚަބަރުހުސްވެފައި ވަނިކޮށް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

300 އަށްވުރެ ގިނަ އަންހެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކެމީލް އިންޑޮނޭޝިއާއިން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުއެވެ. މިމައްސަލައިގައި އިންޑޮނޭޝިއާ ސަރުކާރުގެ ޕުރޮސިކިއުޓަރުން ދައުވާ ކޮށްފައިވަނީ ކެމީލްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށެވެ.

އިންޑޮނޭޝިއާ ސަރުކާރުގެ ޕުރޮސިކިއުޓަރުން ކޮށްފައިވާ ދައުވާ ކެމީލްގެ މައްޗަށް ސާބިތުވެއްޖެނަމަ އިންޑޮނޭޝިއާގެ ގާނޫނު ބުނާގޮތުން އުމުރު ދުވަހަށް ޖަލަށްލުން ނުވަތަ ބަޑި ޖަހައި މަރާލުމުގެ ހުކުމެއް އަންނާނެއެވެ.

ކެމީލް ޖިންސީ ގުޅުން ހިނގި ކުދިންގެ އެވްރެޖު އުމުރަކީ 10 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަ އަންހެން ކުދިންނެވެ. އަދި މިކުދިންނާ ކެމީލް ޖިންސީ ގުޅުން ހިނގައިފައިވަނީ މޮޑެލް ކުރުމުގެ ނަމުގައި ގެނެސް ލާރި ދީގެންނެވެ. ކެމީލްގެ އެދުމަށް އޭނާއާއެކު ޖިންސީ ގުޅުން ނުހިނގި ކުޑަކުދިންނަށް އަނިޔާ ކޮށްފައިވާކަމަށްވެސް އިންޑޮނޭޝިއާ ފުލުހުން މައުލޫމާތު ދެއެވެ.

ފަތުރުވެރިކަމުގެ ވިސާގައި ކެމީލް އިންޑޮނޭޝިއާއަށް ފާއިތުވެދިޔަ ފަސް އަހަރު އެތައް ފަހަރަކު އެތެރެ ވެފައިވާއިރު ކެމީލްގެ ޝިކާރައަކަށްވި އިތުރު ކުދިންވެސް ތިބުން އެކަށީގެންވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ