ހުޅުމާލޭގެ ހަމަނުޖެހުމުގައި މިއަދު ހައްޔަރުކުރި ބިދޭސީންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުން: ފުލުހުން

މިއަދު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގި ބިދޭސީންނާމެދު ގާނޫނާއި ގަވައިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައި މިވަނީ، މިއަދު ހުޅުމާލޭގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހިންގި ހަމަނުޖެހުމާ ގުޅޭގޮތުން މިރޭ ނެރުނު ބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު، ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭކަމަށްބުނެ އެކަމާ ހިތްހަމަނުޖެހުކު ފާޅުކޮށް ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

އަދި މި ހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ
މުދަލަށް ގެއްލުންވެފައިވެއެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންސް ޔުނިޓުގެ ޓީމެއް އެ ސަރަހައްދަށް ފޮނުވައި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން 41 ބިދޭސީ މަސައްކަތްތެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަ ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން ފުލުހުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހިނދު، މި އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް މޯލްޑިވްސް ޕޮލިސް އިން ކުރަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

މުސާރަ ނުލިބުން ފަދަ މައްސަލަތައް ހައްލުކުރުމުގައި، އެ ކަންކަން ހައްލުކުރުމަށް އެކަށައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރާ ކަމަށާއި، ގާނޫނު ތަންފީޒުކުރަންތިބޭ ފުލުހުންނަށް ހަމަލާދިނުމާއި ދައުލަތުގެ މުދަލަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެންލުންދިނުންފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދައުލަތާއި ރައްޔިތުންގެ މުދާ ހިމާޔަތްކުރުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް
ޕޮލިސް ސަރވިސްއިން ފަސްނުޖެހޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ