ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ގަދަކަމުން އަންހެނުންތަކަކަށް ޖިންސީ ގޯނާކުރުންފަދަ ވިޔާނުދާކަމެއް ކުރައްވަފާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ އިތުރުކާފު ޕުރަގުރާމުގައި މިރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، "އަލީ ވަހީދަކީ ގާތްބޭފުޅެއް. އަޅުގަނޑު ގަބޫލެއް ނުކުރަން އެހާ ވިޔާނުދާ ކަންތައްތައް ކުރައްވާނެ ބޭފުޅެއް ކަމަކަށް. އަޅުގަނޑެއް ނުދެކެން. އަޅުގަނޑުގެ ޕާސަނަލް ރައްޓިއްސެއް. މިވާހަކަ އަޅުގަނޑު އަޑުއެހީ ވަރަށް ހިތާމަޔާއެކު" ކަމަށެވެ.
މިމައުޟޫގައި ޖާބިރު އިތުރަށް ވިދާޅުވީ އަލީ ވަހީދާއި ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތައް އަދި މާބޮޑަށް ސާފުނުވާ ކަމަށާއި މިވާހަކައެއް ދައްކަން ފަށައިފައިވަނީ އެބޭފުޅާ ރަށުގައި ނެތީސް ކަމަށެވެ. މި ވާހަކަތައް އަޑު އިވިގެން އަލީ ވަހީދަށް ގުޅިކަމަށާއި ގުޅުމުން މިކަމަކީ އަލީ ވަހީދު ފުރޭމް ކުރުމަށްފަހު ދައްކާ ވާހަކައެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
"އަލީ ވަހީދަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓިއްސެއް އެކުގައި ލަނޑަނުގައިވެސް އުޅުއްވި ނަމަވެސް އެވިދާޅުވާފަދަ ކަމެއް ކުރައްވަނިކޮށް ފެނިފައެއް ނެތް، ޕޮލިޓިކްސްގަ ފުރޭމް ކުރުމާ ބައިވަރު ކަންތައްތައް ހިނގާނެ އަޅުގަނޑަކަށް މި ހިނގައިގެން އުޅޭ ކަންތައްތައް އަދި މުޅިން ސާފެއް ނުވެއްވޭ އަޅުގަނޑު އަލީ ވަހީދަށް ގުޅިން އެބޭފުޅާ ވިދާޅުވަނީ އެބޭފުޅާ ފުރޭމް ކުރެއްވިއްޔޭ" ޖާބިރު ވިދާޅުވިއެވެ.
އަންހެން ކުދިންނަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހަދިޔާ ހުށަހަޅައިގެން ޖިންސީ ގޯނާ ކުރުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން ޖާބިރު ވިދާޅުވީ، ވިޔަފާރިވެރިން އަންހެން ކުދިންނާ ގަދަކަމުން ޖިންސީ ގޯނާ ކުރައްވާކަން އިނގިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް ނޭންގި ނަމަވެސް މިފަދަ ކަމެއް ހިނގައިފައި އޮވެދާނެ ކަމަށެވެ.
އެއްވެސް އަންހެން ކުއްޖަކަށް ޖާބިރުއާއި ގުޅޭ ގޮތުން އެފަދަ ވާހަކައެއް ދެއްކެވިދާނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޖާބިރު ވިދާޅުވެފައިވަނީ، ޖާބިރަކީ ނުލާހިކު ރަނގަޅު ބޭފުޅެއް ކަމަށާއި ޖާބިރުއާއި ދެކޮޅަށް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.




