އީޕީއެލް - ތިންވަނައަށް އަރަން ލިބުނު ފުރުޞަތު ޔުނައިޓެޑުން ނަގާ ލައިފި

އިންގްލިޝް ޕްރިމިއާ ލީގު ތާވަލްގެ ތިންވަނައަށް އަރަން ލިބުނު ފުރުޞަތު މެންޗެސްޓާރ ޔުނައިޓެޑުން ނަގާ ލައިފިއެވެ.

މެންޗެސްޓާރ ޔުނައިޓެޑަށް ތާވަލްގެ ތިން ވަނައަށް އަރަން ފުރުޞަތު ލިބިގެންދިޔައީ ތިންވަނާގައި އޮތް ޗެލްސީ އާއި ހަތަރު ވަނާގައި އޮތް ލެސްޓާ ސިޓީ މިހަފްތާގައި ކުޅުނު މެޗުން ދަށްވުމާއި ގުޅިގެންނެވެ.

އެހެންނަމަވެސް އަމިއްލަ ދަނޑުގައި ސައުތެމްޓަންއާއި ދެކޮޅަށް ރޭ ކުޅުނު މެޗުން މެންޗެސްޓާރ ޔުނައިޓެޑަށް މޮޅު ނުވެވި ނިމިގެން ދިޔައީ 2-2- ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެދު ފުރަތަމަ ލަނޑު ޖަހާފައިވަނީ ސައުތެމްޓަންއިންނެވެ. މެޗުގެ 12 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރެޑްމޮންޑުގެ ހުރަހަކުން ސްޓުއާޓު އާމްސްޓްރޯންގް ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު އާމްސްޓްރޯންގް ފޮނުވާލި ހޫނު ހަމަލާ ދިފާޢުކުރާނެ ފުރުޞަތެއް ކީޕަރަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

މާގިނަ އިރުތަކެއް ނުވެ ފުލުހުން ކާމިޔާބުކުރި ދެލަނޑާއެކު މެންޗެސްޓާރއިން މެޗުގެ ނަތީޖާ އަނބުރާލިއެވެ. ޔުނައިޓެޑުންވަނީ މެޗުގެ 20 ވަނަ މިނަޓްގައާއި 23 ވަނަ މިނަޓްގައި ލަނޑު ޖަހާފައެވެ. 20 ވަނަ މިނަޓްގައި ފެނިގެންދިޔަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މާކަސް ރަޝްފޯޑެވެ. 23 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ސައުތެމްޕްޓަން ޑިފެންސް ލައިން ކަޓުވާލުމަށްފަހު އޭރިއާތެރެއަށްވަދެ މާޝިއާލް ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މިނަތީޖާއާއެކު މެޗު ނިމެން ދަނިކޮށް ސައުތެމްޓަންއިން ޔުނައިޓެޑު މާޔޫސްކޮށްލީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނަޓްގައި ކާމިޔާބުކުރި ލަނޑާއެކުގައެވެ. މައިކަލް އޮބަމެފީ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ކޯނަރަކުން ހުރަސްވި ބޯޅައަކުންނެވެ. މިލަނޑާއެކު މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މިނަތީޖާއާއެކު 35 މެޗުން ލިބުނު 59 ޕޮއިންޓާއެކު މެންޗެސްޓާރ ޔުނައިޓެޑް އޮތީ ތާވަލްގެ ފަސްވަނާގައެވެ. ހަތަރު ވަނާގައި އޮތް ލެސްޓާއަށްވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ލެސްޓާއަށް ތާވަލްގެ ހަތަރުވަަނަ ލިބެނީ ޔުނައިޓެޑަށްވުރެ އިތުރަށް ފައިދާ ދެގޯލް ލިބިގެންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ