ސްޕެނިޝް ލަލީގާގައި ރޭ ގްރަނާޑާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ މިސީޒަންގެ ތަށި ކާމިޔާބުކުރަން ދެ ޕޮއިންޓާއި ގާތަށް ރެއަލްމެޑްރިޑް ޖެހިލައިފިއެވެ.
- ރެއަލްމެޑްރިޑުން ސްޕެނިޝް ލަލީގާ އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2016/17 ސީޒަންގައި ޒިދާންގެ ކޯޗުކަމުގެ ދަށުގައި.
- ރޭގެ މެޗުގައި ލަނޑު ޖެހި މެންޑީއަކީ މިސީޒަންގައި ރެއަލްމެޑްރިޑަށް ލަނޑު ކާމިޔާބުކޮށްދިން 21 ވަނަ ކުޅުންތެރިޔާ.
- ރޭގެ މެޗުގައިވެސް ބޭލް ހުރީ ބެންޗުގައި. ބޭލް މިސީޒަންގައި ރެއަލްމެޑްރިޑަށް ކުޅެފައިވަނީ 12 ލީގު މެޗު.
- ޕޮއިންޓްގެ ގޮތުން ބާސެލޯނާ އަދި ރެއަލްމެޑްރިޑް އެއްވަރުވި ނަމަވެސް މިދެޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއިން ރެއަލްމެޑްރިޑަށް ކުރި ލިބޭނެ.
ލޮސް ކާމެނެސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށި މާގިނައިރުތަކެއް ނުވަނީސް ރެއަލްމެޑްރިޑުންވަނީ ލީޑު ނަގާފައެވެ. 10 ވަނަ މިނަޓްގައި ހަނި ހަނި އޭންގަލްއަކުން ފާލަންޑް މެންޑީ މިލަނޑު ކާމިޔާބުކޮށްދިނީ ގްރަނާޑާ ޑިފެންސްތެރެއަށްވަދެ ގޯލްގެ އަރިމަތިން ބޭރު ރޮނގާއި ކައިރިން ފޮނުވާލި ހޫނު ހަމަލާއަކުންނެވެ. އަދި އޭގެ ހަ މިނަޓްފަހުން ރެއަލްމެޑްރިޑުންވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ބެންޒެމާ ޖަހައިދިން ހިތްގައިމު މިލަނޑަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލީގު ގޯލެވެ.
ބެންޒެމާ އުޅެނީ މިސީޒަންގެ ލަލީގާގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނާގައެވެ. މިލިސްޓުގެ އެއްވަނާގައި އުޅެނީ ލިއޮނަލް މެސީއެވެ. އޭނާވަނީ މިސީޒަންގައި މިހާތަނަށް ކުޅުނު 31 މެޗުން 22 ލަނޑު ކާމިޔާބުކޮށްދީފައެވެ.
Another goal for the main man tonight. ?#LaLigaSantander pic.twitter.com/fIH6ll2FNT
— LaLiga English (@LaLigaEN) July 13, 2020
ފުރަތަމަ ހާފު މިނަތީޖާއާއެކު ނިމިގެން ދިޔަނަމަވެސް ދެވަނަ ހާފު ފެށުމާއެކު ގްރަނާޑާއިން ކުޅުން ރަނގަޅުކޮށް ރެއަލްމެޑްރިޑަށް ނުރައްކާކުރަން ފެށިއެވެ. އަދި މާގިނަ އިރުތަކެއް ނުވެ ގްރަނަޑާއިންވަނީ ލަނޑެއްކަހައި ސުމެއް ކަނޑުވާފައެވެ. 50 ވަނަ މިނަޓްގައި ޑާވިން މަޗިސް މިލަނޑު ކާމިޔާބުކޮށްފައިވަނީ ކައުންޓަރ އެޓޭކެއްގައި އެރި ބޯޅައެއްގައއެވެ. އޭރިއާ ތެރެއަށްވަދެ މަޗިސް ފޮނުވާލި ހަމަލާ ގޯލްގެ ތެރެއަށް ދިޔައީ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާ ތޮއްޑު ދަށުންނެވެ.
މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިނަތީޖާއާއެކު ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ 36 މެޗުން ލިބުނު 83 ޕޮއިންޓާއެކުގައެވެ. ވާދަވެރި ބާސެލޯނާ ދެވަނާގައި އޮތީ 36 މެޗުން ލިބުނު 79 ޕޮއިންޓާއެކުގައެވެ. މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން ރެއަލްމެޑްރިޑް ދެން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ޕޮއިންޓްގެ ގޮތުން މިދެޓީމު އެއްވަރުވި ނަމަވެސް މިދެޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއިން ރެއަލްމެޑްރިޑަށް ކުރި ލިބޭނެއެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑުންވަނީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ.



