މާސް އެޅުން މަޖުބޫރުކޮށްދެއްވުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ވަގުތީ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ކޮވިޑް-19 އަށް ޕޮސިޓިވްވާ މީހުން އިތުރުވަމުންދާތީ މި ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް އަދި މާސްކް އެޅުމަކީ މަޖުަބޫރު ކަމައް ކަމުގައި ހެދުމަށް މޯލްޑިވްސް ރިޕޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފައިވެއެވެ.
މި ސިޓީގައި ރައީސް މައުމޫން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާލާފަިއިވާ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާ މި ދަނޑިވަޅުގައި ސަރުކާރުން ދޭ އިލްތިމާސްތަކަށް ގިނަ ބަޔަކު އަމަލު ނުކުރާތީ، ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް ދަނީ އިތުރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
އިތުރަށް މި ސިޓީގައި ވިދާޅުވެފައިވަނީ، ބޭރުގައި އުޅޭއިރު މާސް އެޅުމަކީ މަޖުބޫރު ކަމެއް ކަމުގައި ހައްދަވައި ދިނުމަށާއި، މަގުމަތީގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި އަދި ޖަމާއަތުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ތިބުމާއި އެންމެން މާސްކް އަޅައިގެން އުޅުން މަޖުބޫރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.
ކޮވިޑް-19ގެ އެހެނިހެން ތަފާސްހިސާބުތަކަށް ބަލައިލާއިރު އަލަށް ކޮވިޑް-19 އިން ރަނގަޅުވެފައިވަނީ ހަ މީހުންނެވެ. މިއާއެކު ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 2،290 އަރައިފައެވެ. ކޮވިޑް-19 އަށް މިވަގުތު ރާއްޖޭގައި ފަރުވާ ދެމުންދަނީ 444 މީހުންނަށެވެ.



