ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރި 41 ބިދޭސީންގެ ބަންދައް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އިއްޔެ ހިންގި ހަމަނުޖެހުމުގައި ހައްޔަރުކުރި41 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފައާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގުކުރުމަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
ހަމަނުޖެހުން ހިންގާ ފުލުހުންނަށް ހަމަލާދީފައިވަނީ، ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންތަކެކެވެ. މިއީ ހުޅުމާލޭގައި ހުރި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ހަދައި ތައިލެންޑުގެ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންނެވެ. އަދި ހަމަނުޖެހުން ހިންގާފައިވަނީ، މުސާރަ ނުލިބޭ މައްސަލައިގައެވެ.
ފުލުހުން ވިދާޅުވީ، އިއްޔެ ހެނދުނު، ބިދޭސީ މަސައްކަތްތެރިންގެ ބަޔަކަށް ލިބެންޖެހޭ މުސާރަ ނުލިބޭކަމަށްބުނެ އެކަމާ ހިތްހަމަނުޖެހުކު ފާޅުކޮށް ކުރި އިހުތިޖާޖަކާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ފުލުހުންނާ ދިމާލަށް ގައު އުކައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި މިހަމަނުޖެހުމުގައި ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ފުލުހުންގެ ވެހިކަލަކަށާއި އާންމު ރައްޔިތުންގެ މުދަލަށް ގެއްލުންވެފައިވެއެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީން ބާއްވަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވަނީ އެމީހުން ލައްވައި މަސައްކަތް ކުރުވުމަށްފަހު ދޭންވާ މުސާރަ އެތައް މަސްތަކެއް ފާއިތުވެގެންދާ އިރުވެސް ނުދޭ މައްސަލައިގައެވެ.



