އޮލިވަރ ޖިރޫޑް - ފޮޓޯ: ފޮކްސް

އުނދަގޫ މޮޅަކަށްފަހު ޗެލްސީއިން މަޤާމު ދިފާޢުކޮށްފި

އުނދަގޫ މޮޅަކަށްފަހު ޗެލްސީއިން ތިންވަނަ މަޤާމު ދިފާޢުކޮށްފިއެވެ.

އިންގްލިޝް ޕްރިމިއާ ލީގުގައި ނޯވިޗްއާއި ދެކޮޅަށް ރޭ ކުޅުނު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ކުރިން ކުޅުނު މެޗުން 0-3 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑުން ދަށްވެފައި އޮތުމާއެކު ރޭގެ މެޗަށް ޗެލްސީއިން ނުކުމެފައިވަނީ މުޅިން އާ ހިތްވަރަކާއެކު މެޗުން މޮޅުވުމުގެ ނިޔަތުގައެވެ. އެގޮތުން ސްޓެމްފޯޑު ބްރިޖުގައި ކުޅުނު މިމެޗުގެ ޗެލްސީގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗު ފެށުނީއްސުރެ ޗެލްސީއިން ދިޔައީ ނޯވިޗް ޑިފެންސަށް ޕްރެޝަރުކުރަމުންނެވެ. އެގޮތުން ލަނޑުޖަހާނެ ފުރުޞަތުތަކެއްވެސްވަނީ ލިބިގެން ގޮސްފައެވެ. ޖިރޫޑަށާއި ޕުލިސިޗަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ. ރުޑިގާ އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅައެއް ފުލިސިޗް ހިތްގައިމުކަމާއެކު ކޮންޓްރޯލްކޮށްލުމަށްފަހު، ފޮނުވާލި ބާރު ހަމަލާ ދިފާޢުކުރީ ނޯވިޗްގެ ކީޕަރު ކްރަލްއެވެ. ކީޕަރު ކްރަލް ދިފާޢުކުރި މިހަމަލާ ދިޔައީ ގޯލްގެ މަތީ ދަނޑީގައިވެސް ޖެހިފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ތިންވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އޮލިވަރ ޖިރޫޑު ކާމިޔާބުކޮށްދިނީ ޕުލިސިޗްގެ ހުރަހަކުންނެވެ. ގޯލްގެ އޭރިއާތެރެއިން ޑައިވިން ހެޑަރއަކުން ޖިރޫޑް ފޮނުވާލި ބާރު މިހަމަލާ ގޯލްގެ ތެރެއަށް ވަދެގެން ދިޔައީ ކީޕަރު ކްރަލްގެ ކުރިމަތިންނެވެ.

މިއީ މިސީޒަންގެ ޖިރޫޑް ކާމިޔާބުކުރި 6 ވަނަ ޕްރިމިއާ ލީގު ގޯލެވެ.

މިމޮޅާއެކު ޗެލްސީއިން ތާވަލްގެ ތިންވަނާގައި އޮތީ 36 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. 59 ޕޮއިންޓާއެކު ހަތަރު ވަނާގައި ލެސްޓާ ސިޓީ އޮތްއިރު، ފަސްވަނާގައި އޮތް ޔުނައިޓެޑަށްވެސް ލިބިފައިވަނީ 59 ޕޮއިންޓެވެ. މިދެޓީމުވެސް މިހާތަނަށް ކުޅެފައިވަނީ 35 މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ލަމްޕާޑު ބުނީ، ގަދަ ހަތަރެއްގައި ހިފައްޓާލުމަކީ އުދަނގޫ މަސައްކަތެއްކަމަށާއި ޚާއްސަކޮށް ޕްރިމިއާ ލީގު ކަހަލަ ވަރުގަދަ މުބާރާތެއްގައި މިމަޤާމުގައި ހިފަހައްޓާލެވޭނީ ބުރަ މަސައްކަތުންކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ