110 ދުވަހަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވައިފި

ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ ގޮތުން ދާދި ދެންމެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ޤަތަރު އެއާވޭސްގެ ކިއު.އާރު 672 އެވެ.

ޤަތަރު އެއަރވޭސްގެ ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު ހެނދުނު 8:25 ގައެވެ. މި ފްލައިޓުން ރާއްޖެ އައި 128 ފަތުރުވެރިންނަަށް ހޫނު މަރުހަބާއެއް ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޤަތަރު އެއަރވޭސްގެ ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ ޤަތަރުގެ ވެރިރަށް ދޯހާއިން ފުރައިގެންނެވެ. ރާއްޖެއަށް އައުމަށް ޤަތަރު އެއަރވޭސްއިން ފުރަތަމަ ޝެޑިއުލްކޮށްފައިވާ އޭ ތްރީ ޓުވެންޓީ މަރުކައިގެ ބޯޓެއް ކަމަށެވެ. މިއީ ގާތްގަނޑަކަށް 140-170 އާއި ދެމެދުގެ އަދަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ. ރާއްޖެއަށް އޮތް ޑިމާންޑު ބޮޑުވެ، ޤަތަރު އެއަރވޭސްއިން ފަހުން ވަނީ ރާއްޖެއަށް ކުރާ ދަތުރުގައި އޭ ތްރީ ފިފްޓީ މަރުކައިގެން ބޯޓެއް ބޭނުން ކުރުމަށް ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 300-350 ދެމެދުގެ އަދަަދަކަށް ސީޓު ހުންނަ ފްލައިޓުތަކެވެ. މި ފްލަައިޓުގައި ރާއްޖެއަށް އައިސްފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ.

މިހާރު ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވެސް ދުރާލާ ވިސާ ނެގުމެއް ނެތި، އޮންއެރައިވަލް ވިސާގައި ރާއްޖެ ޒިޔާރަތް ކުރެވޭނެ ގޮތްވަނީ ހަދާފައެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓް ކުރާނީ، އަލާމާތްތައް ހުންނަ ނަމައެވެ. އެހެން ނަމަވެސް، ރާއްޖެ އައުމުގެ ކުރިން ކޮންފާމް ބުކިންއެއް ހެދުމާއި، ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ރިޕޯޓެއްގެ ނަތީޖާ އިމިގްރޭޝަނަށް ހުށަހަޅަން ޖެހެއެވެ.

މިއަދު ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ޝެޑިއުލް ފްލައިޓް ތަކަށް ހިލޭ ޖެއްސޭނެ އެވެ. ގްރައުންޑް ހޭންޑްލިންގެ ހިދުމަތްތަކާއި ލޭންޑިން ފީ އަދި ނެވިގޭޝަން ފީގެ އިތުރުން ޕާކިން ފީ އިން 50 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ބޮޑު ޑިސްކައުންޓެއް ދޭނެ އެވެ. ރާއްޖެ އަންނަން މިހާތަނަށް 11 އެއާލައިނަކުން ޝެޑިއުލް ނެރެފަ އެވެ. މީގެތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިން ތަކެއް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ