ގޭގައި ތިބެ އުފާފާޅުކުރުމަށް ސަޕޯޓަރުންގެ ކިބައިން ރެއަލްމެޑްރިޑު އެދިއްޖެ

ގޭގައި ތިބެ އުފާފާޅުކުރުމަށް ސަޕޯޓަރުންގެ ކިބައިން ރެއަލްމެޑްރިޑު އެދިއްޖެއެވެ.

މިސީޒަންގެ ސްޕެނިޝް ލަލީގާ ކާމިޔާބުކުރަން އެންމެ ދެ ޕޮއިންޓް މަދުވާ ރެއަލްމެޑްރިޑުން ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުން މޮޅު ވެއްޖެނަމަ، ލަލީގާ ކަށަވަރުވާނެއެވެ. އެހެންނަމަވެސް އެކަމުގައި އުފަލުގައި މަގުމައްޗަށް ނުނިކުމެ ގޭގައި ތިބެގެން އުފާފާޅުކުރުމަށް ރެއަލްމެޑްރިޑުންވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި އިޖުތިމާޢި ގައިދުރުކުރުން ހިފެހެއްޓުމަށް މިހާރުވެސް ހަރުކަށި ފިޔަވަޅުތަކެއް އެޅިފައިވާތީ، ސަޕޯޓަރުން ބޭރަށް ނުނިކުމެ ގޭގައި ތިބުމަށްއެދި ރެއަލްމެޑްރިޑުންވަނީ ބަޔާނެއްވެސް ނެރެފައެވެ.

ރެއަލްމެޑްރިޑުން ބުނީ ސަޕޯޓަރުން ސިއްޙަތު ރިސްކެއްގެ ތެރެއަށް ލާން ބޭނުންނުވާކަމަށާއި، އުފާފާޅުކުރުމަށް ސަޕޯޓަރުން މަގު މައްޗަށް ނުކުތުމަށް ނޭދޭކަމަށެވެ. އަދި އުފާފާޅުކުރުމަށް ކްލަބުގެ ކުޅުންތެރިންނާއި އެހެނިހެން ސްޓާފުންވެސް އެފަދަ ތަންތަނަށް ނުދާނެކަމަށްވެސް ރެއަލްމެޑްރިޑުން ބުންޏެވެ.

އޭގެ ބަދަލުގައި އެ ސިޓީގެ ޙާލަތު ހަމައަކަށް އެޅުމުން، އުފާފާޅުކުރުމުގެ ގޮތުން ރެއަލްގެ ސްޓޭޑިއަމް ބާނަބޯގައި ޚާއްސަ ހަރަކާތެއް ގެންދިއުންވެސް އެކަށީގެންވެއެވެ.

ރެއަލްމެޑްރިޑުގެ ސަޕޯޓަރުން އުފާފާޅުކުރުމަށް އެއްވަނީ މެޑްރިޑުގައި ހުންނަ ސިބިލެސް ފައުންޓަން ކައިރިއަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވިލަރެއާލް އާއި ދެކޮޅަށް ރެއަލްމެޑްރިޑު ނުކުންނާނީ 34 ވަނަ ސްޕެނިޝް ލަލީގާ ކާމިޔާބުކުރުމަށެވެ. އެސްޓާޑިއޯ އަލްފްރެޑޯ ދި ސްޓެފަނޯގައި ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފަށާނީ އެރޭ 12:00 ގައެވެ. ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނާގައި އޮތީ ވާދަވެރި ބާސެލޯނާއަށްވުރެ 4 ޕޮއިންޓް އިތުރަށް ލިބިގެންނެވެ.

ރެއަލްމެޑްރިޑުން ސްޕެނިޝް ލަލީގާ އެންމެފަހުން ކާމިޔާބުކޮށްފައިވަނީ 2016/17 ސީޒަންގައި ޒިދާންގެ ކޯޗުކަމުގެ ދަށުގައެވެ.

 

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ