ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަން ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މިއަދު ބޭރުކޮށްލައިފިއެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
މި ކުއްލި މައްސަލައިގައި އާދަމް ޝަރީފް ވަނީ ރައީސް އަބްދުﷲ ޔާމީން ގެ މައްޗަށް ދައުވާ އުފުލުމުގައި އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދެއްވާފައިވާ ބަޔާންތަކަށް ރިއާޔަތްކޮށްފައި ވަނިކޮށް، އަދީބުގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ކްރިމިނަލް ކޯޓުން އިއްޔެ ބާތިލްކޮށްފައިވާކަމަށާއި އަދި ސަރުކާރުން ބިރުދެއްކުމާއި މަޖުބޫރު ކުރުވައިގެން އެއްބަސްވުމެއް ހަދައި ރައީސް ޔާމީނާ ދެކޮޅަށް ހެކި ބަސް ދީފައިވާ ކަމަށް ކްރިމިނަލް ކޯޓުގައި އަދީބު ދެއްކެވި ވާހަކަތަކުން ހާމަވާ ކަމަށެވެ.
ކުއްލި މައްސަލައިގައި ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އާއި އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް، އަދީބުގެ ތަހުގީގަށް ނުފޫޒު ފޯރުވި ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް އަދީބުގެ މައްސަލަ ބާތިލް ކުރެއްވި ކްރިމިނަލް ކޯޓްގެ ގަޒިއްޔާއިން ސާފުކޮށް އެނގެން އޮތުމުން، ޔާމީންގެ މައްޗަށް 5 އަހަރަށް ޖަލަށް ލުމަށް ކުރިހުކުމަކީ ނުފޫޒު ފޯރުވައި، ހެކި އުފައްދައިގެން ކުރި ބާތިލް ހުކުމެއް ކަމަށް ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށް ވެސް ބުނެފައެވެ.
ޔާމީންގެ މައްޗަށް ހުކުމް ކުރުމުގައި އަދީބުގެ ބަޔާންތަކަށް ރިއާޔަތްކޮށްފައިވާތީވެ، ޔާމީންގެ މައްޗަށް ކުރި ދައުވާއަކީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ގާނޫނާ ހިލާފު ހެކިތަކެއްގެ މައްޗަށް ބިނާކޮށް ޕްރޮސިކިއެޓަރ ގެނެރަލްގެ އޮފީހުން ކޮށްފައިވާ ދައުވާއަކަށް ވާތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޔާމީން ޖަލުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތުމުން، ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ވެއެވެ.
ނަމަވެސް، ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 6 މެމްބަރުންނެވެ. މި މައްސަލަ އަށް ބަހުސް ކުރަން ނުފެންނަ ކަމަށް 21 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.




