މައުރީޒިއޯ ސާރީ

އަހަރެން ދުވަހަކުވެސް މީސް މީޑިއާކަށް ނުވަންނާނަން: ސާރީ

ދުވަހަކުވެސް މީސްމީޑިއާއަށް ނުވަންނާނަންކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

ނިއުސް ކޮންފަރެންސްއެއްގައ ވާހަކަ ދައްކަމުން ސާރީ ބުނީ، ޔުވެންޓަސްއާއި ގުޅިގެން މީސްމީޑިއާގައި މީހުން ޚިޔާލު ފާޅުކޮށް ދައްކާ ވާހަކަތަކަށް އޭނާ އެއްވެސް ސަމާލުކަމެއް ނުދޭކަމަށާއި، އަބަދުވެސް ވިސްނުން ގެންގުޅެނީ ކުރެވެން އޮތްކަމަކީ ކޮބައިތޯ ބެލުމަށްކަމަށެވެ.

"މީސް މީޑިއާގައި މީހުން ދައްކާ ވާހަކައެއް އަހަންނަކަށް ނޭނގޭ. އަހަރެން މީސް މީޑިއާ ބޭނުމެއް ނުކުރަން އަދި ދުވަހަކުވެސް ބޭނުމެއް ނުކުރާނަން." ސާރީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް ޔުވެންޓަސްއަށް މޮޅެއް ލިބިފައިނުވާއިރު، އެންމެ ގިނަ މީހުންގެ ޝަކުވާއަކީ ޔުވެންޓަސްއިން ގޯލް ޖަހާ ނިސްބަތް ދަށްވުމެވެ. ނަމަވެސް މިކަމާއި ގުޅިގެން ސާރީ ބުނީ، އެންމެ ފަހުން ކުޅުނު ހަ މެޗުން ޔުވެންޓަސްއިން 17 ލަނޑު ޖަހާފައިވާކަމަށާއި، ލަނޑު ޖެހުމުގެ ނިސްބަތާމެދު އޭނާ އެއްވެސްވަރަކަށް ނުވިސްނާކަމަށެވެ.

އެހެންނަމަވެސް ސާރީ ބުނީ ޔުވެންޓަސްގެ ޑިފެންޑަރު ކިއެލިނީއަށް އަނިޔާވުމަކީ މިސީޒަންގައި ޓީމަށް ދިމާވި ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އުމުރުން 35 އަހަރުގެ ކިއެލިނީ ކަކުލު ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީއާއި ހަމައަށް އޭނާއަށް ކުޅުމާއި ދުރުގައި ހުންނަ ޖެހުނެވެ. ކޮވިޑް-19 ގެ ކުރިން ސެރީއާގެ ދެތިން މެޗަކަށް އޭނާ އެރިނަމަވެސް ކޮވިޑަށްފަހު ލީގު ފެށިފަހުން އަދި މެޗެއް ކުޅެފައެއް ނުވެއެވެ.

އިޓާލިއަން ސެރީއާގެ ތާވަލްގެ އެއްވަނާގައި ޔުވެންޓަސް އޮތީ 6 ޕޮއިންޓްގެ ލީޑަކާއެކުގައެވެ. ޔުވެންޓަސްއަށް ލީގުގައި ބާކީ އަދި ހަ މެޗު އޮތްއިރު، މިސީޒަންގައި ތައްޓެއް ބޭނުންނަމަ ކުރިއަށް އޮތް މެޗުތަކުގައި ޔުވެންޓަސް މޮޅުވާންވަނީ މަޖުބޫރުވެފައެވެ. މި ސީޒަންގެ ކޮޕާ އިޓާލިއާ ފައިނަލުގައި ޔުވެންޓަސް ނާކާމިޔާބީއާއި ކުރިމަތި ލާންޖެހިފައިވާއިރު، މިދިޔަ މަހު 17 ގައި ކުޅުނު އެމެޗުން ޔުވެންޓަސްގެ މައްޗަށް ނަޕޯލީއިން ކުރި ހޯދާފައިވަނީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ.

އެހެންކަމުން މިރޭ އިޓާލިއަން ސެރީއާގައި ސަސޯލޯއާއި ދެކޮޅަށް ޔުވެންޓަސް ކުޅުމަށް ހަމަޖެހިފައިވާ މެޗަކީވެސް ވަރަށް މުހިންމު މެޗެކެވެ. ސަސޯލޯގެ މަޕެއި ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:45 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ