ބޮޑު ފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒްގެ މައްޗަށް އަމުރު ކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ އެމީހުން އެރަށުން ބޭލުމަށް ރިޒް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ކޯޓުން ނެރުނު މި ވަގުތީ އަމުރުގައި ބުނެފައިވަނީ، ދައުވާކުރާ ފަރާތް ކަމަށްވާ ސީލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތް ހަވާލުކޮށްފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ބޮޑުފިނޮޅަށް އަރުވާފައިވާ މީހުން އެ ރަށުން ބާލަން އެންގުމަކީ މަސައްކަތުގެ އެއްބަސްވުމުގެ ދަށުން ސީލް ކުންފުންޏަށް އޮތް ހައްގެއްކަން އެނގޭ ކަމަށާއި އެކަމަކު އެގޮތަށް ރިޒް ކުންފުންޏަށް ސިޓީއަކުން އެންގުމުން ވެސް މީހުން ބާލާފައި ނުވާކަމާއި އެކަމަކުގެ ސަބަބުން ހަމަނުޖެހުން ހިނގައި ސީލް އަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހުށަހަޅާފައިވާ ހެކިން އެނގޭ ކަމަށެވެ.

މިހެންކަމުން، ރިޒް ކުންފުނީގެ ފަރާތުން ބޮޑުފިނޮޅަށް އަރުވާފައިތިބި އެންމެހާ ފަރާތްތަކާ ހަވާލުވުމަށާ، އެފަރާތްތައް ވަގުތުން ވަގުތަށް އެރަށުން ބޭލުމަށާ، މީގެ އިތުރަށް، އަމުރު ރައްދުވާ ފަރާތުގެ މުދާ ނުވަތަ ތަކެތި ހުރިނަމަ ވަގުތުން ވަގުތަށް އެތަކެތި ބޮޑުފިނޮޅުން ބޭލުމަށް ރިޒް ކުންފުނީގެ މައްޗަށް ކޯޓުންވަނީ އަމުރު ކޮށްފައެވެ.

މީގެއިތުރުން މިއަމުރު ތަންފީޒު ކުރުމުގެ ގޮތުން، ގާނޫނީ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންވާ އެންމެހައި ބާރުތައް، ބޭނުން ކުރަންޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށްވެސްވަނީ އަމުރުކޮށްފައެވެ.

ރިޒް ކުންފުނިން ބުނަމުން އަންނަނީ ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާއި ހަވާލުވެ އެ ބިދޭސީން އެރަށުން ބޭލޭނީ އެ މީހުންނަކީ ކޮން ބައެއްކަން ކަމާބެހޭ އިދާރާތަކުން ރިޒް އަށް ކަށަވަރު ކޮށްދިނުމުން ކަމަށާއި އެ ތަނުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މުވައްޒަފުން ކަމަށެވެ.

ބޮޑުފިނޮޅުގައި އެތައް މަހެއް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވި 200 އަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އުޅެނީ 48 މީހަކު ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ