އިޓާލިއަން ސެރީއާގައި ރޭ ސަސޯލޯއާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމެއްޖެއެވެ.
މަޕެއި ސްޓޭޑިއަމްގައި ކުޅުނު މިމެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމިމެޗުގައި ދެޓީމުގެ ފަރާތުންވެސްވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ވަރަށް ކުރީކޮޅު ޔުވެންޓަސްއިންވަނީ ލީޑު ނަގާފައެވެ. 5 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ޑެނީލިއޯ ކޯނަރަކުން ހުރަސްކޮށްދިން ބޯޅައަކުން އޭރިއާ ކާމިޔާބުކުރި ލަނޑެކެވެ. ޑެނީލިއޯގެ ހޫނު މިހަމަލާ ފޮނުވާލާފައިވަނީ ޕެނަލްޓީ އޭރިއާގެ ރޮނގު މަތިންނެވެ. އަދި މާގިނައިރުތަކެއްނުވެ ޔުވެންޓަސްއިން ލީޑު އިތުރަށް ފުޅާކުރީ 12 ވަނަ މިނަޓްގައި ހިގުއައިން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސަސޯލޯއާ އާ ހިތްވަރެއް ގެނެސްދިނީ މެޗުގެ 29 ވަނަ މިނަޓްގައި ފިލިޕް ޑުރިސިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭރިއާތެރެއިން ލިބުނު ކަޕޫޓޯ ދިން ޕާހަކުން ޑުރިސިޗް ކާމިޔާބުކުރި މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެއްޓުމާއެކު ފުލުފުލުގައި ކާމިޔާބުކުރި ދެލަނޑާއެކު ސަސޯލޯއިން ނަތީޖާ އަނބުރާލުމަށްފަހު މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. 51 ވަނަ މިނަޓްގައި ބެރާޑީ ކާމިޔާބުކޮށްދިން ލަނޑަކީ ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ. އަދި 54 ވަނަ މިނަޓްގައި ފެނިގެންދިޔަ ލަނޑަކީ ބެރާޑީގެ ހުރަހަކުން ގޯލް ކުރިމަތިން ހުރަސްވެގެން ދިޔަ ބޯޅައެއްގައި ކެޕޫޓޯ ކާމިޔާބުކުރި ލަނޑެކެވެ.
އޭގެ ދިހަ މިނަޓްފަހުން ސަންޑްރޯ ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކޯނަރަކުން ބެޓަންކާ ހުރަސްކޮށްދިން ބޯޅައަކުން ބޮލުން ކާމިޔާބުކުރި ލަނޑަކުންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯގެ ފަރާތުން ލަނޑެއް ފެނިފައި ނުވާއިރު، މިއީ ކޮވިޑަށްފަހު ލީގު ފެއްޓިފަހުން އޭނާގެ ފަރާތުން ލަނޑެއް ނުފެނި ނިމުނު ފުރަތަމަ މެޗެވެ. ލީގުގައި މިމެޗުގެ ކުރިން ކުޅުނު ހަ މެޗުން 7 ލަނޑު ރޮނާލްޑޯ ކާމިޔާބުކޮށްފައިވެއެވެ.
ޔުވެންޓަސްއިން އެންމެފަހުން ކުޅުނު ތިން މެޗުންވެސް މޮޅެއް ލިބިފައެއްނުވެއެވެ. ބައިކޮޅަށް ނުވަ ލަނޑުވަނީ ވަދެފައެވެ.
7 ޕޮއިންޓްގެ ލީޑަކާއެކު ޔުވެންޓަސް ތާވަލްގެ އެއްވަނާގައި އޮތްއިރު، ލީގުގައި ބާކީ 5 މެޗު އަދި އެބައޮތެވެ.




