ރެކޯޑު ހެދުމަށް ލިވަޕޫލުންކުރި އުންމީދަށް އާސެނަލްއިން ނިމުން ގެނެސްފި

އިންގްލިޝް ޕްރިމިއާ ލީގުގައި ރެކޯޑު ހެދުމަށް ލިވަޕޫލުންކުރި އުންމީދަށް އާސެނަލްއިން ނިމުން ގެނެސްފިއެވެ.

އާސެނަލްއިން ލިވަޕޫލްގެ މިއުންމީދުތައް މުގުރާލާފައިވަނީ ރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތްއިރު ބާކީ ހުރި ހުރިހާ މެޗަކުން މޮޅުވެ، މީގެ ދެ ސީޒަންކުރިން 100 ޕޮއިންޓް ހޯދައިގެން މެންޗެސްޓާރ ސިޓީއިން ހަދާފައިވާ ރެކޯޑު މުގުރާލެވެން އޮތެވެ. އެގޮތުން އެމެޗުތަކުން މޮޅުވެ ލިވަޕޫލަށް މިސީޒަންގައި ޖުމްލަ 102 ޕޮއިންޓް ހޯދެން އޮތެވެ. ނަމަވެސް ރޭގެ މެޗުން ދަށްވުމާއެކު ލިވަޕޫލަށް މިސީޒަންގައި 100 ޕޮއިންޓު ދެނެއް ނުހޯދޭނެއެވެ.

ލިވަޕޫލްގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ލިވަޕޫލުންނެވެ. މެޗުގެ 20 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ އެންޑްރޫ ރޮބާޓްސަންގެ ހުރަހަކުން ސަޑިއޯ މާނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އާސެނަލް ކޮޅަށް މާނޭ ޖެހި ހަވަނަ ލަނޑެވެ.

އޭގެ މާގިނައިރުތަކެއްނުވެ އެލެކްޒާންޑްރޭ ލަކަޒެޓްވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. 32 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ވެންޑައިކް ކީޕަރެއް ޖެއްސި ބޯޅައެއް ހޯދައި ކީޕަރު އެލިސަން ކައިރިން ކަޓުވާލުމަށްފަހު ކާމިޔާބުކުރި ލަނޑެކެވެ . އަދި ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގައި އިތުރު ލަނޑެއްޖަހައި އާސެނަލްއިންވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ރެއިސް ނެލްސަން މިލަނޑު ކާމިޔާބުކޮށްދިނީ ލަކަޒެޓްގެ ޕާހަކުންނެވެ. އަރިމަތިން ލަކަޒެޓްދިން މިބޯޅަ ނެލްސަން އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށްފަހު ފޮނުވާލީ ގޯލްގެ ދުރުފަރާތު ތިރީ ކަނަށެވެ. މިލަނޑުވެސް އާސެނަލްއިން ޖަހާފައިވަނީ ލިވަޕޫލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ. ކީޕަރު އެލިސަން ދިފާޢުކޮށް ރޮބާޓްސަންއަށް ފޮނުވާލި ބޯޅަ ލަކަޒެޓް ހޯދައި ނެލްސަންއަށް ހުރަސްކޮށްދިނީ އޭރިއާ ތެރޭހުރި ނެލްސަންއަށެވެ.

މެޗުގެ ދެވަނަ ހާފުގައި ނިމިގެންދިޔައީ އިތުރު ލަނޑެއް ނުފެނިއެވެ. އެހެންނަމަވެސް ލަނޑު ޖަހާނެ އިތުރު ފުރުޞަތުތައް ދެޓީމަށްވެސްވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ސަލާޙަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެއެވެ. ޑިފެންޑަރު ލުއިޒް ކަޓުވާލުމަށްފަހު ސަލާޙް ފޮނުވާލި ހަމަލާއާއި، ފަބީނިއޯގެ ހުރަހަކުން ސޮލާޙް ބޮލުން ފޮނުވާލި ހަމަލާވެސް އާސެނަލްގެ ކީޕަރު މާޓިނޭޒްވަނީ ދިފާޢުކޮށްފައެވެ.

ރޭގެ މެޗަކީ 2015 އޭޕްރީލގެ ފަހުން ލިވަޕޫލްގެ މައްޗަށް އާސެނަލްއަށް ކުރި ހޯދުނު ފުރަތަމަ މެޗެވެ. އަދި ކްލަޮޕް ލިވަޕޫލްއާއި ހަވާލުވިފަހުން އާސެނަލް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

30 އަހަރަށްފަހު ލިވަޕޫލްއިން އިންގްލިޝް ޕްރިމިއާ ލީގު ކަށަވަރުކޮށްފައިވާއިރު، ލިވަޕޫލު ތާވަލްގެ އެއްވަނާގައި އޮތީ 36 މެޗުން ލިބުނު 93 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ބަލިވެފައިވަނީ އެންމެ 3 މެޗުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ