މަޝްހޫރު އެތައް ބައެއްގެ ވެރިފައިޑް ޓްވިޓަރ އެކައުންޓު ހެކްކޮއްފިއެވެ.
އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މައިކްރޮސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް، ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އަދި އެޕަލްގެ ގެ ޓްވިޓަރ އެކައުންޓްވެސް ވަނީ ހެކްކޮށްފައެވެ. މި އެކެއުންޓްތަކުން ވަނީ ބިޓްކޮއިން ފޮނުވުމަށް އެދި ޓްވީޓް ކޮށްފައެވެ.
ހެކްވެފައިވާ ޓްވިޓަރ އެކައުންޓުތަކުން ކޮށްފައިވާ ޓްވީޓްތަކުގައިވަނީ ފޮނުވާ ހުރިހާ ބިޓްކޮއިންއެއް ފޮނުވާނީ ޑަބަލް ކޮށެވެ. 1000 ޑޮލަރު ފޮނުވައިފިނަމަަ 2000 ޑޮލަރު ފޮނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޓްވިޓަރ ސަޕޯޓް އިން ކޮށްފައިވާ ޓްވީޓްއެއްގައި ބުނެފައިވަނީ މި މައްސަލަ ތަހްގީގް ކުރަމުންދާކަމަށާއި އަދި މައްސަލަ ހައްލުކުރުމަށް ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
"ސޯޝިއަލް ޕްރޫފް ސެކިއުރިޓީ" ގެ ޗީފް އެގްޒިކިއުޓިވް އަދި ސައިބާ ސެކިއުރިޓީ އެކްސްޕާޓް ރެޗެލް ޓޮބެކް ބުނެފައިވަނީ މިއީ އޭނާ އަށް މިހާތަނަށް ފެނިފައިވާ އެންމެ ބޮޑު ޓްވިޓަރ އެޓޭކް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ޓްވިޓަރ އިން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ޓްވީޓް ނުކުރެވޭ މައްސަލައެއް އުޅޭކަމަށެވެ. އޭގެ ތެރޭގައި ބައެއް ވެރިފައިޑް އެކައުންޓްތައްވެސް ހިމެނެއެވެ. ޓްވިޓަރގެ ސްޕޯކްސްވުމަން ބުނެފައިވަނީ މިކަން ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާކަމަށެވެ.
މީގެ ކުރިންވެސް ވެރިފައިޑް ބައެއް ޓްވިޓަރ އެކައުންޓްތައް ހެކްކޮށްފައި ވެއެވެ. އެގޮތުން ޓްވިޓަރގެ ސީއީއޯ ޖެކް ޑޯސީ ގެ އެކައުންޓްވަނީ މިދިޔަ އަހަރު ހުކްކޮށްފައެވެ.




